17 Sep 2023, 11:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރަން ރަސްމީކޮށް ހުށަޙަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ތަރުޖަމާނު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ އެކަމަށް އެދި ރަސްމީކޮށް ހޯމް މިނިސްޓްރީއަށް މިހާރު ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މިނިސްޓްރީގެ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނީ އެ އިދާރާއަށް ވެސް އަދި އެ ހުށަހެޅުން އައިސްފައި ނުވާ ކަމަށެވެ.
އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން އާންމު އުސޫލުން ގައިދީންނަށް ޒިޔާރަތްކުރެވެނީ އެ މީހުންގެ އާއިލާއަށާއި ވަކީލުންނަށެވެ. ނަމަވެސް ޚާއްސަ ހުއްދައިގެ ދަށުން ދައުލަތުގެ ވަކިވަކި މަގާމުތަކުގައި ތިއްބަވައި އިސް ބޭފުޅުންނަށް ބައްދަލުކުރެވިދާނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
ރައީސް ނަޝީދު، ރައީސް ޔާމީނާ ބައްދަލުކުރައްވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އިޚްތިޔާރު ކުރުމާ ގުޅޭ ވޯޓެއް ނެގުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް ނިންމުމުގެ ގޮތުން އެމްޑީޕީ އާއި ޕީޕީއެމްއާއެކު މަޝްވަރާ ކުރަމުންދާ ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހުންނަވާ ނަޝީދު ވިދާޅުވީ، އަބަދު އެމްޑީޕީން ގޮތެއް ނިންމަން ދެން މަޑުކޮށްގެން ނުތިބެވޭނެކަން އެ ޕާޓީއަށް ސާފު ވާނެ ކަމަށެވެ.
އެގޮތުން ޕީޕީއެމްއިން ބުނާ ފަދައިން ޝަރުތަކާ ލައިގެން ނުވަތަ ނުލާ ވިއަސް މިއަދު ނުވަތަ މާދަމާ ދަ ޑިމޮކްރެޓްސް ގޮތެއް ނިންމަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޓަކައި މީގެ ކުރިން އެމްޑީޕީގައި ހުންނެވި އިރު ވެސް ރައީސް ނަޝީދު ތަކުރާރުކޮށްވަނީ އެމްޑީޕީ މެމްބަރުންނަށް ހުށަހަޅުއްވައިފައެވެ.
ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަނޑައެޅީ 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ މީހުން ވޯޓު ދީފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވާށެވެ.
އެ ވޯޓު ނެގިއިރު ރައީސް ނަޝީދާއި، ރައީސް ޔާމީން ވެސް ތާއިދުކުރެއްވީ ބަރުލަމާނި ނިޒާމަކަށް ބަދަލުކުރުމަށެވެ. ނަމަވެސް ފަހުން ޔާމީން ވަނީ އެ ނިޒާމު ރާއްޖެއަށް އެކަށީގެން ނުވާ ކަމަށް ވިދާޅުވެފައެވެ.