11 May 2012, 19:46
ކޮމަންވެލްތާއެކު ދިވެހިންގެ ނަމުގައި އެމްޑީޕީން މިއަދު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާ ޝުއޫރު ފާޅުކޮށްފި އެވެ.
ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓަރު، ވިލުފުށީ ހަސަން އަފީފާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޖަނަވަރީމާގޭ ޝިފާ މުހައްމަދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އެމްޑީޕީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހިނގާލުމުގައި ސީމެގުން ރާއްޖެއާ މެދު ދެން އަމަލު ކުރާނެ ގޮތަކާމެދު ޝުއޫރު ފާޅުކޮށް "ސަރުކާރަށް އޮތީ ބާކީ ހަ ދުވަސް" ކަމަށާއި އޭގެ ކުރިން އިންކުއެރީ ކޮމިޝަން މިނިވަން ކުރުމަށް ގޮވާލާފައި ވެއެވެ.
އެހެން މުޒާހަރާތަކެކޭ އެއްގޮތަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބަޣާވަތަކުން" ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނެ ރައީސް ވަހީދުގެ އިސްތިއުފާއަށް މިއަދު ވެސް ގޮވައިލި އެވެ.
މިއަދު ހަވީރު އުސް ފަސްގަނޑުން ފެށި ހިނގާލުން މަޖީދީމަގުން ހުޅަނގަށް ގޮސް ބޮޑުތަކުރުފާނު މަގުން އެމްއެމްއޭ ސަރަހައްދާއި މާރުކޭޓް ކައިރިން ކުރިއަށް ގޮސް ކަޅުތުއްކަލާ ކޮށީގެ ކައިރިއަށް މަޑުކޮށް "ބާޣީ" އޭ ގޮވާ ޝުއޫރު ފާޅު ކުރި އެވެ. މި ހިނގާލުން ނިންމާލައިފައިވަނީ މިރޭ ގާތްގަނޑަކަށް 7:00 ޖަހާ އެހަކަންހާއިރު އުސް ފަސްގަނޑު ސަރަހައްދަށެވެ. ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
މާލެގައި އެމްޑީޕީން ސުލްހަވެރި ހިނގާލުމެއް ބޭއްވި އިރު، މިއަދު ހަވީރު ފުވައްމުލަކުގައި ވެސް ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ. އެ ހިނގާލުމުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.