ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެކްޓަރު ސަލްމާން ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުރީގެ ބަތަލާ ސޯމީ ޢަލީ މިވަނީ އަނެއްކާ ވެސް މީޑިއާގެ ސަމާލުކަން ހޯދާފައެވެ. ނުވަދިހައިގެ އަހަރުތަކުގައި އާއްމުންގެ ސަމާލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހޯދި ރީތި ބަތަލާ ސޯމީ ޢަލީއަކީ ސަލްމާން ޚާނާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތް މީހެކެވެ.

ދާދި ފަހުން ސޯމީ ޢަލީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާންއާއި ސޯމީއާއި ދެ މީހުންގެ ލޯބީގެ ގުޅުން ފައްކާވީއިރު ސަލްމާން އުޅެނީ އޭރުގެ ބަތަލާ ސަންގީތާ ބިޖްލާނީއާ ވެސް ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އަދި، ސޯމީ އަލީވީ ސަންގީތާއަށް ސަލްމާން ޚާން ބޭވަފާތެރިވާން މެދުވެރި ފަރާތް ކަމަށެވެ.

ފަހުން އެނގުނު ގޮތުގައި ސޯމީއާއި ސަލްމާން ރައްޓެހިވީ ބަތަލާ ސަންގީތާއާއި ދެ މީހުންގެ ކައިވެނި ވެސް ކުރެވެން ނިންމާފައިވަނިކޮށް ކަމަށް ސޯމީވަނީ މި އިންޓަވިއުގައި ބުނެފައެވެ. އަދި، ސަންގީތާއާއި ސަލްމާންގެ ދެމެދަށް ވަން ތިންވަނަ ފަރާތްކަމަށް ގިނަ މީހުން އޭރު ސޯމީ ލޭބަލްކުރި ކަމަށް ވެސް މިހާރު އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ބަތަލާވަނީ ބުނެފައެވެ. އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އާޖްތަކް ޗެނަލްއަށް ދިން އިންޓަވިއުގައި ސޯމީ ބުނީ ސަންގީތާއާއި ސަލްމާންގެ ކައިވެނީގެ ޙަފްލާގެ ދަޢުވަތު ކާޑުތައް ވެސް އޭރު ޗާޕްކުރެވުނު ކަމަށާއި ސޯމީއާއި ގުޅުނުއިރު ސަލްމާން ވަނީ ސަންގީތާއާއި އެންގޭޖްވެސްވެފައި ކަމަށް ބަތަލާވަނީ ބުނެފައެވެ.

ސޯމީއާއި ސަލްމާން ޚާން ލޯބީގެ ގޮތުން ގުޅުނުއިރު ސޯމީގެ ޢުމުރުގެ ޅަ ކަމުން އެފަދަ ކަންތައްތައް މާ ބޮޑަށް ނުވިސްނޭ ކަމަށް މި އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

ސަންގީތާއާއި ސަލްމާނުގެ ގުޅުން ނިމި ސަލްމާނާ އެކު ސޯމީ ހޭދަކުރި ދުވަސްތަކަކީ މާ އުފާވެރި ދުވަސްތަކެއް ނޫން ކަމަށް ކުރީގެ ބަތަލާވަނީ ސިފަކޮށް ވަރަށް ގިނަ ފަހަރުމަތިން އެ ވާހަކަ ދައްކާފައެވެ. ދެ މީހުން ލޯބީގެގޮތުން ގުޅިގެން އުޅުނުތާ އަށް އަހަރުވީއިރު ވެސް ސަލްމާން ޚާން ބޭނުންވީ ސިއްރިއްޔާތުގައި ދެ މީހުންގެ ގުޅުން ބޭއްވުމަށް ކަމަށް ސޯމީ ވަނީ ބުނެފައެވެ. އަދި، ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ވެސް ސަލްމާންގެ ފަރާތުން އެކިކަހަލަ ފުރައްސާރަތައް އެކި ފަހަރުމަތިން ކުރިމަތިވި ކަމަށާއި އެކަމުގެ ސަބަބުން ސޯމީއަށް ނަފުސާނީ ބައްޔަށް މަގުފަހިވެ އެކަމަށް ފަރުވާ ހޯދިކަމަށް ވެސް އޭނާވަނީ ބުނެފައެވެ.

ސަންގީތާއަށް ދިމާވިގޮތަށް އެންމެ ފަހު ވަގުތު ސަލްމާން ޚާން ސޯމީއަށް ވެސް ބޭވަފާތެރިވީ ކަމަށާއި އެކަން އިހުސާސްކުރެވެން ފެށީ ވަގުތު ފާއިތުވެ ދިޔަ ފަހުން ކަމަށް ބަތަލާވަނީ ބުނެފައެވެ. ސޯމީއަށް ފަހު ސަލްމާން ޚާން ލޯބީގެ ގޮތުން ގުޅުނު ބަތަލާއިންގެ ތެރޭ އައިޝްވާރްޔާ ރާއީ އަދި ކެޓްރީނާ ކައިފް ހިމެނެއެވެ. އައިޝްވާރްޔާ ރާއީ އަބީޝެކް ބައްޗަންއާ ކައިވެނިކޮށްފައިވާއިރު ކެޓްރީނާވަނީ ދާދި ފަހުން އެކްޓަރު ވިކީ ކޯޝަލްއާ ކައިވެނިކޮށްފައެވެ. ސަލްމާން ލޯބީގެ ގޮތުން ގުޅުނު ފަރާތްތަކުގެ ތެރެއިން ސަންގީތާއާއި ކެޓްރީނާ ކައިފްއަކީ މިހާރު ވެސް ސަލްމާނުގެ އިތުރުން އެކްޓަރުގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ފަރާތެވެ.