ބަތަލާ ކަރިސްމާ ކަޕޫރު އަދި ގޯވިންދާ ލީޑް ރޯލުން ފެނުނު ކޮމެޑީ ފިލްމު "ހީރޯ ނަމްބަރ1"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފިއެވެ.

ފިލްމު "މިޝަން މަންގަލް"ގެ ޑައިރެކްޓަރު ޖަގަން ޝަކްތީގެ މި ސީކުއަލްގެ ލީޑްރޯލް ކުޅޭގޮތަށް ހަމަޖެހިފައިވަނީ އެކްޓަރު ޓައިގާ ޝްރޮފް، ބަތަލާ ސާރާ ޢަލީ ޚާން އަދި ސްޓޭޖް ބަތަލާ ޕަޝްމިނާ ރޯޝަންއެވެ. ޕަޝްމިނާ ރޯޝަންއަކީ އެކްޓަރު ރިތިކް ރޯޝަންގެ ބޮޑު ބޭބެ އަދި ކުޅަދާނަ މިއުޒިކް ކޮމްޕޯސަ ރާޖޭޝް ރޯޝަންގެ ދަރިފުޅެވެ.

ފިލްމު "ހީރޯ ނަމްބަރު1"އަކީ ޕަޝްމިނާ ރޯޝަންގެ ދެވަނަ ފިލްމެވެ. ޕަޝްމިނާވަނީ ފިލްމީ ދާއިރާއަށް ތަޢާރަފްވާ އޭނާގެ ފުރަތަމަ ފިލްމު "އިޝްގް ވިޝް ރީބައުންޑް"ގެ ނަމުގައި އުފައްދާ ފިލްމުގެ މަސައްކަތް ވެސް ނިންމާފައެވެ.

ޑޭވިޑް ދަވަންގެ ޑައިރެކްޓްކުރި ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "ހީރޯ ނަމްބަރު1"ގެ ސީކުއަލްގެ މަސައްކަތް ކުރިއަށް އޮތް އަހަރު ތެރޭ ފަށަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. ހާއްސަކޮށް ގޯވިންދާއާއި ބަތަލާ ކަރިސްމާ ކަޕޫރުގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަ ކަމުގޮސް ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ސީކުއަލްގެ ބޮޑު ބައި އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓްކުރަން ނިންމާފައިވާއިރު ޓައިގާ ޝްރޮފްވަނީ ސީކުއަލްގެ އެކްޝަން ސީންތައް ފުރިހަމަކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން "ހީރޯ ނަމްބަރު1"ގެ ސީކުއަލްއަކީ ގޯވިންދާއާއި ކަރިސްމާގެ ފިލްމުގެ ރިމޭކްއެއް ނޫނެވެ. އެއާ ޚިލާފަށް މިފިލްމަކީ ސައިންސް ފިކްޝަންވެސް ހިމެނޭގޮތަށް އުފައްދާ އެކްޝަން ފިލްމެކެވެ. މި ސީކުއަލްއަށް ސޮއިކުރުމުގެ ކުރިން ޓައިގާވަނީ ފިލްމު ގެނެސްދޭ ބަގްނާނީ ޕްރޮޑަކްޝަންގެ އިތުރު ދެ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. މިހާރު ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ އެ ދެ ފިލްމަކީ "ބަޅޭ މިޔާން ޗޯޓޭ މިޔާން" އާއި "ގަންޕަތު"އެވެ.