17 Sep 2023, 09:08
ބޮލީވުޑްގެ ކިންގް ޚާންގެ އިތުރު ފިލްމެއް މި އަހަރުގެ ޑިސެމްބަރު މަހު ބެލުންތެރިންނަށް ފެންނާނެކަމުގެ ޔަޤީންކަން ސަޕޯޓަރުންނަށް ޝާހްރުކް ޚާން ދީފިއެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރާ މި ފިލްމު މި އަހަރު ރިލީޒްކުރުން ފަސްކުރެވުނު ޚަބަރުތައް ފެތުރުމާ އެކު ޝާހުގެ ސަޕޯޓަރުންނަށް މާޔޫސްކަން ލިބުނެވެ. އެހެންނަމަވެސް "ޑަންކީ"ގެ ނަމުގައި އުފައްދާ މި ފިލްމު ރިލީޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ޑަންކީ"އަކީ ތަޖުރިބާކާރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކު ޝާހްރުކް މަސައްކަތް ކުރި ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމު "ޑަންކީ"އާ ބެހޭ ގޮތުން ޝާހު ވާހަކަދައްކާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ރިލީޒްވި އެކްޓަރުގެ ފިލްމު "ޖަވާން" ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާގައެވެ.
މި ޙަފުލާގައި ވާހަކަދައްކަމުން ޝާހު ބުނެފައިވަނީ މި އަހަރުގެ ފެށުން މިހާތަނަށް ފެށިފައިވަނީ ވަރަށް ކާމިޔާބު ގޮތެއްގައި ކަމަށާއި ފިލްމު "ޑަންކީ"އަށް ވެސް ބެލުންތެރިންގެ ލޯތްބާއި ތަރުޙީބު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފިލްމު "ޑަންކީ"އަކީ އެކި ޤައުމުތަކަށް ޤަވާއިދާ ޚިލާފަށް ހުއްދަ ނޫންގޮތަށް ހިޖުރަ ކުރުމަށް ބޭނުންކުރާ ޕްލެޓްފޯމްތަކާ ބެހޭ ގޮތުން އުފައްދާ ސޯޝަލް ކޮމެޑީއެކެވެ. ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސްކުރާ މި ފިލްމުން ޝާހްރުކް ޚާނާ އެކު ފެންނާނީ ބަތަލާ ތާޕްސީ ޕަންނޫ، ވިކީ ކޯޝަލް، ބޮމަން އިރާނީ އަދި ހެއްވާ މަޖާ ރޯލްތައް ކުޅެފައިވާ އެކްޓަރު ސަތީޝް ޝާހްއެވެ.
މި އަހަރު މިހާތަނަށް ރިލީޒްވެފައިވާ ޝާހްރުކް ޚާންގެ ކޮންމެ ފިލްމެއް ވެސް ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރާލާފައިވާއިރު އުއްމީދަކީ ފިލްމު "ޑަންކީ"އަށް ވެސް މި ރެކޯޑްތައް މުގުރާލެވުން ކަމަށް ޝާހުވަނީ ބުނެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްވި ޝާހްރުކް ޚާންގެ އެކްޝަން ތުރިލާ "ޕަތާން"އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފުރަތަމަ ހިންދީ ފިލްމެވެ. ހަމައެއާ އެކު މިމަހު ރިލީޒްވި ފިލްމު "ޖަވާން"އަކީ ރިލީޒްވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމެވެ.