11 May 2012, 19:31
އައްޑޫ ސިޓީގެ ހިތަދޫ ނޫރުލް އިސްލާމް ޖަމްއިއްޔާއިން އެރަށު މިސްކިތެއްގައި ޝެއިޚު އިލްޔާސް ހުސެއިންގެ ދަރުސެއް ބާއްވަން ހުއްދައަކަށް އެދުމުން އައްޑޫ ސިޓީ ކައުންސިލުން ހުއްދަ ދީފައި ނުވާކަމަށް ނޫރުލް އިސްލާމުން ބުނެފި އެވެ.
ނޫރުލް އިސްލާމްގެ ނާއިބް ރައީސް އިބްރާހިމް ޝަމީލް މިރޭ ވިދާޅުވީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަތުގައި އެރަށު މިސްކިތެއްގައި އިލްޔާސްގެ ދީނީ ދަރުސް އެއް ބޭއްވުމުގެ ހުއްދައަށް އެދުމުން އިލްޔާސް (ފޮޓޯ) އަކީ ސިޔާސީ ބޭފުޅަކަށް ވާތީ އޭނާ މިސްކިތުގައި ދަރުސް ދެއްވާނަމަ މިސްކިތުގެ ބޭރުގައި ބަޔަކު ހަމަނުޖެހުން ހިގާފާނެތީ އެ ހުއްދަ ދެވެން ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށެވެ.
"އިލްޔާސަކީ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅަކަށް ވާތީ އޭނާ ދަރުސް ދެއްވާނަމަ މިސްކިތުގެ ބޭރުގައި ބަޔަކު ހަމަނުޖެހުން ހިންގާފާނެ ކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ އަޅުގަނޑުމެންނަށް ސިޓީ އަކުން އަންގާފަ،" ޝަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލްޔާސަކީ އެރަށު މިސްކިތްތަކުގައި މީގެ ކުރިންވެސް ދަރުސް ދެއްވާފައިވާ ބޭފުޅެއް ކަމަށާއި ދުވަހަކުވެސް އޭނާގެ ދަރުސެއްގައި ރަށުގައި ހަމަނުޖެހުން ހިގާފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ އަށާއި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމަށް އެ ޖަމްއިއްޔާއިން މިހާރު ނިންމާފައިވާ ކަމަށެވެ.
ސަންއޮންލައިނަށް ކޮޕީ ލިބިފައިވާ އައްޑޫ ސިޓީ ކައުންސިލުގެ ސިޓީގައި ބުނަނީ އިލްޔާސް މިސްކިތްތަކުގައި ދަރުސް ދެއްވަނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް މިސްކިތުގެ ބޭރުގައި ހަމަނުޖެހުން ހިގާފާނެތީ އޭނާ މިސްކިތުގައި ދަރުސް ދިނުމަކީ މަސްލަހަތު ހުރިކަމެއް ނޫންކަމަށެވެ. އަދި އޯޕަން ސްޓޭޖްގައި އިލްޔާސްގެ ދަރުސްތައް ބޭއްވުމަކީ އެންމެ ރަނގަޅުކަމެއްކަމަށް އެ ސިޓީގައި ވެއެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.