11 May 2012, 19:14
އެފްއޭއެމުގެ ކޯޑްއޮފް އެތިކްސްއާ ހިލާފުވީ ކަމަށްބުނެ، އެއިދާރާއިން ވިކްޓަރީގެ ކޯޗު އަލީ ސުޒޭނަށް ދީފައިވާ ތިން މަހުގެ ސަސްޕެންޝަނަށް ބަދަލު ނުގެންނަން ނިންމައިފި އެވެ.
އެފްއޭއެމުގެ އެޕީލް ކޮމިޓީން މިގޮތަށް ނިންމީ މި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ސުޒޭންގަ ފަރާތުން އެދިފައިވަނިކޮށެވެ.
އެއިދާރާއިން ނެރުނު ނޫސްބަޔާނުގައި ވަނީ ސުޒޭންގެ ސަސްޕެންޝަނަކީ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޯޑާއި، ކޯޑް އޮފް ކޮންޑަކްޓާއި، ކަމާބެހޭ ގާނޫނީ އަދި ޝަރުއީހަމަތަކާ އަދި ތަހަގީގެއް ހިންގުމުގެ އާއްމު އުސޫލުތަކާހިލާފަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
އަދި ސަންއެފްއެމުގައި ސުޒޭން ދައްކާފައިވާ ވާހަކަތަކަށް ޑިސިޕްލިނަރީ ކޮމިޓީގެ ކުރިމަތީގައި އޭނާ އިއުތިރާފުވެފައިވާ ކަމަށާއި އޭގެ ތެރެއިން މޫސާމަނިކު (ކުޑަމޫސަ)އާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް މީޑިޔާ މެދުވެރިކޮށް މައާފަށް ވެސް އެދެން ބޭނުންކަށް ބުނެފައިވާ ކަމަށެވެ.