11 May 2012, 19:14
މާފަންނުގައި ހުރި ގެއަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކަކާއި ގިނަ ޢަދަދެއްގެ ފައިސާއާއި އެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގު ހާއްސަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނު 8:00 ޖަހާ އެހާކަންހާއިރު ހައްޔަރު ކުރީ މއ. މަޒާގޭ މުޙައްމަދު އައިޝް އަޙްމަދު 21، އާއި ގ. ރޯޝަނީ ހިޔާ އަޙްމަދު އިލްހާމް 20، އާއި އާއި މއ. ފޯވިންގްސް މުޙައްމަދު ޝާނިހް ސައުދުﷲ 22، އަދި ދަފްތަރު ނަންބަރު 01005 ޢަލީ ސަރުވާން 20، ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު އެ ގެ ބަލާ ފާސްކުރި އެގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ލައިފް ބޯއި ބްރޭންޑްގެ ފުޅިއަކާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅާކާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 53 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ފުޅިއަކާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހޭކިފައިހުރި ވަޅިއެއްގެ އިތުރުން 29800 ދިވެހި ރުފިޔާ ފެނިފައި ވެއެވެ.