11 May 2012, 18:57
ކެޕްޓަން އައްސަދު އަބުދުލްގަނީ ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު ދިރާގު ދިވެހި ލީގުގައި އީގަލްސް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ލަނޑެއް ޖަހައިގެން ނިއު އިން 1-1 އިން މެޗު އެއްވަރުކޮށްފި އެވެ.
މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތް ނިއުކޮޅަށް އައްސަދުޖެހި ގޯލަކީ މިސީޒަނުގައި ނޫ ޓީމުކޮޅަށް ވަން ފުރަތަމަ ގޯލެވެ. އަދި މިއީ ގައުމީ ކީޕަރު އިމްރާނު މުހައްމަދު ނިއުގެ ގޯލުގައި ހުއްޓައި ވަން ފުރަތަމަ ގޯލުވެސްމެ އެވެ.
ނިއު އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު މެޗުގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އިބްރާހީމް ފަޒީލް (އޮއްޕޮ) ޖެހީ އިތުރުވަގުތުގެ ހަތް މިނިޓް ނިމިނިމި އޮއްވަ އެވެ. ނަމަވެސް އޭގެ ކުރިން އަލީ އަޝްފާގް (ދަގަނޑޭ) ހުސްކޮށްވަދެ ޖެހި ބޯޅަ ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒު މޯހަން ބުނީ އޭނާގެ ޓީމަށް މޮޅުނުވެވުނީ އީގަލްސްގެ ޑިފެންސިވް ޓެކްޓިކްސް ރަނގަޅުވުމުން ކަމަށެވެ. އަދި ނިއުއަށް މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅެވިފައިނުވާތީވެ އެއްޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"ހަގީގަތުގައި އީގަލްސްގެ ޑިފެންސިވް ޓެކްޓިކްސް ވަރަށް ރަނގަޅަށް ފެނިގެންދިޔައީ. އޭގެ ސަބަބުން އަހަރުމެންގެ ކުޅުންތެރިންނަށް ކުޅެން އުނދަގޫވެގެންދިޔަ. ދެން ޓޮމް ނެތްތައް ފޫބައްދަން އުނދަގޫވާނެ ވާހަކަ ކުރިން ވެސް ބުނިން. އެކަމަކު އެއީކީ ނޫން އެންމެ ބޮޑު މައްސަލައަކީ،" މޯހަން ބުންޏެވެ.
އޭނާ ބުނީ ޓީމުގެ މެދުތެރެ ދަށް ނަމަވެސް ޓްރާންސްފާގެ ކުރިން އާ ކުޅުންތެރިއަކު ގެނެވެން ނެތުމުން މިހާރު ތިބި ކުޅުންތެރިންނާއެކު މިޑްފީލްޑްލައިން ރަނގަޅު ކުރަން މަސައްކަލުރަމުންދާ ކަމަށެވެ.
މެޗުގައި ނިއުކޮޅަށް ގޯލު ޖެހި ޕެނަލްޓީ ލިބުނީ އެ ޓީމަށް އަލަށް ކުޅުނު އަހުމަދު ފައްރާހު އީގަލްސްގެ ޝިނާޒް ހިލްމީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވައްޓާލުމުންނެވެ. މިހެންވެ ރެފްރީ އަހުމަދު އަސްލަމް ވަނީ ފައްރާހަށް ރަތްކާޑު ދައްކައިފަ އެވެ.
"އޭނަ ބަދަލުކުރަން ވިސްނައިގެން ހުއްޓާ އެހެންއެވީ. އެކަމަކު ވެސް މަޑުކޮށްލައިގެން ހުރީ އަދި 10 ވަރަކަށް، 15 ވަރަކަށް މިނިޓަށް ބަލާފަ ބަދަލުކުރަން. ހާފް ޓައިމްގައި ބަދަލުކުރަން ވިސްނާފައި އޮތީ،" މޯހަން ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމުގެ ފަހަތުގައި ތިބި ސީނިއާ ކުޅުންތެރިންގެ ފަރާތުން މިހާރަށްވުރެ ބޮޑަށް ލީޑަރޝިޕް ފެންނަން ޖެހޭ ކަމަށެވެ.
"ބިލްޑް އަޕެއް ހަދައިގެން އައިސް އަޅުގަނޑުމެން ކޮޅަށް ގޯލެއް ޖަހަން ފަސޭހަނުވާނެ. އެކަމަކު ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން ކޮޅަށް ގޯލެއް މިޖަހަނީ އެހެން އަންނަ ހުރަހަކުން، ނުވަތަ ކޯނަރަކުން. މިހެންވެ ސީނިއާ ކުޅުންތެރިންގެ ފަރާތުން ލީޑަރޝިޕް މިހާރަށްވުރެ ބޮޑަށް ފެންނަން އެބަޖެހޭ،" ސާންތީ ބުންޏެވެ.
މި މެޗު އެއްވަރުވުމުން ނިއު އަށް ހަތަރު މެޗުން ލިބެނީ ދިހަ ޕޮއިންޓެވެ. އީގަލްސް އަށް ފަސްޕޮއިންޓެވެ. ލީގުގައި މާދަމާ ކުޅޭނީ މާޒިޔާ އާއި ވިޔަންސާ އެވެ.