ބަތަލާ ހުމާ ގުރެއިޝީގެ ޙަޔާތުގެ ފުރަތަމަ ވާހަކަފޮތް ލިޔެ މިއަހަރުގެ ޑިސެމްބަރު މަހު ފޮތް ނެރުމަށް ތައްޔާރުވެފައިވާކަން އިއުލާނުކޮށްފިއެވެ.

"ޒޭބާ-އޭން އެކްސިޑެންޓަލް ސުޕަ ހީރޯ"ގެ ނަމުގައި ހުމާ ލިޔެފައިވާ މިފޮތަކީ ފެންޓަސީ ވާހަކައެކެވެ. މިވާހަކައިގައި ޖާދުވީ ގިނަ ހާދިސާތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައިވާނެކަމަށް ހުމާވަނީ ބުނެފައެވެ.

ފިލްމީ ކެރިއަރުގައި ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވާ ބަތަލާ ވާހަކަ ލިޔުމަށް ޝައުގުވެރިވީ ހިންދީ ސިނަމާއަށް ނުކުތުމަށްފަހުކަމަށްވަނީ ބުނެފައެވެ. އެގޮތުން ފިލްމީ ޢާއިލާއަކަށް ނިސްބަތްނުވެ ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކޮށްލަން ކުރި ބުރަ މަސައްކަތުން ލިޔުންތެރިކަމުގައި ކުރިޔަށްދިއުމަށް ވަރަށްބޮޑަށް ހިތްވަރު ލިބުނުކަމަށް ހުމާވަނީ ބުނެފައެވެ.

މި ވާހަކަ ފޮތް ވުޖޫދަށް ގެނައުމަށްޓަކައި ދެ އަހަރު ދުވަސްވަންދެން ވަރަށް ބުރަކޮށް މަސައްކަތްކުރިކަމަށާއި ހުމާގެ ގާތް ރަޙުމަތްތެރިންގެ އިތުރުން އެކީގައި އުޅޭ ގާތް އެންމެނަށްވެސް މިފޮތަކީ ހުމާގެ ދިރިއުޅުމުގެ ކިހާ ހާއްސަ ފޮތެއްކަން އެނގޭނެކަމަށް ބަތަލާވަނީ ބުނެފައެވެ. މިއަހަރުގެ ޑިސެމްބަރު މަހުތެރޭ ފޮތް ބާޒާރަށް ނެރެން ނިންމާފައިވާއިރު ހުމާގެ އިންސްޓަގްރާމްގައި މި ވާހަކަފޮތާގުޅޭގޮތުން ކުރި ޕޯސްޓަށް ކޮމެންޓުކުރާ ކޮންމެ ފަރާތަކީވެސް މި ވާހަކަފޮތް ގަންނަން ޝައުގުހުރި ފަރާތެއްކަމަށް ޤަބޫލުކުރާކަމުގައި ހުމާވަނީ ބުނެފައެވެ.

ހުމާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ބަތަލާ އެންމެފަހުން ފެނިފައިވަނީ މިއަހަރު ޒީ5 ފިލްމްސްއިން ސްޓްރީމްކުރަން ފެށި ފިލްމު "ތަރުލާ"އިންނެވެ.

މިދިޔަ އަހަރު "މޮނިކާ އޯ މައި ޑާލިންގް" އަދި "ޑަބަލް އެކްސްއެލް"އިން ފެނުނު ބަތަލާވަނީ އަދި އިއުލާނު ނުކޮށްއޮތް ފިލްމަކަށް ސޮއިކޮށް ފިލްމުގެ މަސައްކަތްވެސް ނިންމާލާފައެވެ. އެއީ "ޕޫޖާ މެރި ޖާން"ގެ ނަމުގައި އުފައްދާ ފިލްމެކެވެ.