ޔަޝް ރާޖް ފިލްމްސްއާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމަކުން އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތަޢާރަފުވާނެކަން ކަށަވަރުވެއްޖެއެވެ.

އާމިރުގެ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތަޢާރަފުވާ ފިލްމު ކަށަވަރުވެފައިމިވަނީ ޖުނައިދު ޚާން ބޮލީވުޑަށް ނެރޭނެ ފިލްމަކާބެހޭ ގޮތުން މީޑިއާގައި ވަރަށް ހޫނުކޮށް ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިންދީ ސިނަމާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނިކަމަށްވާ ވައިއާރްއެފްއާއި ނެޓްފްލިކްސްއާ ގުޅިގެން ތަފާތު ފިލްމީ ޕްރޮޖެކްޓުތަކެއް އުފައްދަން ނިންމާފައިވާއިރު ފިލްމު "މަހާރާޖް"އަށްވުރެ ކުރިން "ދަ ރެއިލްވޭ މޭން"ގެ ނަމުގައި ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެއް ނެޓްފްލިކްސްއިން ގެނެސްދޭންވަނީ ނިންމާފައެވެ.

ޖުނައިދު ޚާންގެ އެކްޓިން ކެރިއަރު ފަށާ ފިލްމު "މަހާރާޖް"އަކީ ވައިއާރްއެފްގެ ކާމިޔާބު ފިލްމު "ހިޗްކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްހޯތްރާގެ އުފެއްދުމެކެވެ. ފިލްމު "މަހާރާޖާ"އަކީ މީލާދީން 1800އަހަރުތަކުގެތެރޭ ހަރަކާތްތެރިވި ޖެހިލުންކުޑަ ނޫސްވެރިއަކު އޭރުގެ މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެންނަން ކުރި މަސައްކަތް ދައްކައިދޭ ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

ޖުނައިދުއާއެކު މިފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންގެތެރޭ ޖައިދީޕް އަހްލަވަތު، ޝަރުވަރީ ވާގް އަދި ބަތަލާ ޝާލިނީ ޕާންޑޭ ހިމެނެއެވެ. ނެޓްފްލިކްސްއާއި ވައިއާރްއެފް ގުޅިގެން ކުރިޔަށްއޮތްތަނުގައި ބްލޮކް ބަސްޓާ ފިލްމުތަކެއް ގެނެސްދޭން ނިންމާފައިވާކަމަށް ވައިއާރްއެފްއިންވަނީ އިއުލާނުކޮށްފައެވެ.

ޖުނައިދު ޚާނަކީ އާމިރު ޚާންގެ ފުރަތަމަ ކައިވެނިކުރި ރީނީ ދައްތާއަށް ލިބިފައިވާ ދެކުދިންގެތެރެއިން ދޮށީ ދަރިފުޅެވެ. އެކްޓިންގެ ދާއިރާއަށް ނުކުތުމުގެ މާކުރިން ޖުނައިދު ޚާންވަނީ ހިންދީ ސިނަމާގައި މަސައްކަތްކުރަން ފަށާފައެވެ.

އެސިސްޓެންޓެއްގެ ގޮތުގައި ޖުނައިދު ޚާން މަސައްކަތްކޮށްފައިވާއިރު މަޝްހޫރު ފިލްމުތަކުގެތެރޭ "ޕީކޭ"، "ރަންގްދެ ބަސަންތީ"، "ތާރޭ ޒަމީން ޕަރް" އަދި "ލާލް ސިންގް ޗައްދާ" ހިމެނެއެވެ. މި ހުރިހާ ފިލްމުތަކަކީވެސް އާމިރު ޚާން މުހިއްމު ރޯލް ކުޅެފައިވާ ފިލްމުތަކެކެވެ.