ޓްރެފިކް ގަވާއިދާ ޚިލާފުވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރު ކުރި މީހަކު މާރާމާރީ ހިންގުމުން ހަތަރު ފުލުހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:15 އެހާކަންހާއިރު މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ސައިކަލުގައި ދުއްވާފައި ދިޔުމުން މާލޭ ދަފްތަރު ނަންބަރު 3352 މުހައްމަދު ޝާމިން 33، ހައްޔަރުކޮށް ޓްރެފިކް ޕޮލިހަށް ގެންދިޔަކަމަށެވެ.

އަދި ބުނީ ޝާމިން ޓްރެފިކް ޕޮލިހަށް ގެންދިޔުމުން އެވަގުތު ޑިއުޓީގައި ތިބި ހަތަރު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމުމުން އެއް ފުލުހެއްގެ ބޯ ފަޅައިގެން ގޮސް އަތުގެ އުޅަނބޮށި މަތިން ބޮޑު ތަނެއް ޒަޚަމްވިއިރު ފައިގެ ކަށިމަތިން ވެސް ބައެއް ޒަޚަމްވެފައިވާ ކަމަށެވެ.

މިހަމަލަ ދިން ދިން ވަގުތު އެތަނުގައި ތިބި އިތުރު ތިން ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.