ޕީޕީއެމާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދަތިވާ ސަބަބަކީ އެ ޕާޓީން ރަސްމީކޮށް ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާތީކަމަށް ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މައިގަނޑު ގޮތެއްގައި ހުށަހަޅާ ކަމަކީ ނިޒާމުގެ ވޯޓު ނެގުމަށް ހުށަހެޅުން ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ބާބު ކަމަށްވާ ގާނޫނު އަސާސީގެ ހަތަރުވަނަ ބާބަށް ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުށަހަޅާ ހުށަހެޅުމަކީ [މި މަހު] 25 ސެޕްޓެމްބަރުގައި މި ދެންނެވި ވޯޓު ނެންގެވުމަށް ހުށަހަޅާ ހުށަހެޅުން،" އެމްޑީޕީއަށް ހުށަހެޅިކަމެއްގެ ގޮތުގައި ހަސަން ލަތީފް ވިދާޅުވިއެވެ.

ހަމަ އެ ކަންކަން އެމްޑީޕީއާއި ޕީޕީއެމަށް ވެސް ހުށަހެޅިއިރު ޕީޕީއެމާ އެކު މަޝްވަރާ ފަށައި އިތުރަށް ކުރިއަށް ނުދެވި އޮތީ އެ ޕާޓީން އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށް ދާން ބޭނުންނުވާތީ ކަމަށް ވިދާޅުވިއެެވެ.

"ޕީޕީއެމާ އެކީގައި އަޅުގަނޑުމެންނާ އިތުރަށް ވާހަކަދައްކަން ދަތިވެފައި ތިބޭ ސަބަބަކީ ޕީޕީއެމަކަށް ގަބޫލުފުޅު ނުކުރެވޭ އެއްވެސް ލިޔުމެއްގައި ސޮއިކޮށްގެން ވާހަކައެއް ދައްކާކަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް ޕީޕީއެމުން އެއްބަސްވާ ހާލަތެއްގައި ނަމަވެސް ސޮއިނުކުރާނަމަ ކުރިއަށް ދިއުންވާނީ ދަތި ކަމަކަށް ކަމަށެވެ.

އެއީ، ރައްޔިތުން އެ ކަން ގަބޫލުނުކުރާނެތީ ކަމަށާއި އަދި އެއްބަސްވެފައިވޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ މި ދެންނެވި ދަތިތައް އެބަހުރި ޕީޕީއެމާއި އަޅުގަނޑުމެންނާއެކީގައި މަޝްވަރާކުރުމުގައި،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަދި ސޮއިކުރާ ހިސާބަށް މަޝްވަރާތައް ނުދާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޕާޓީތަކާ އެކު ކުރާ މަޝްވަރާތައް ދިގުދެންމުމުގެ ވިސްނުން އެ ޕާޓީން ވެސް ނުގެންގުޅޭ ކަމަށެވެ. މި މަހުގެ 30ވަނަަ ދުވަހު ދެވަނަ ބުރު އޮންނައިރު މަޝްވަރާތައްް ނިންމައި ވީ އެންމެ އަވަހަކަަށް އެ ޕާޓީން އަރާނެ ކޮޅެއް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްއިން ވެރިކަމަށް ކުރިމަތިލުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ. އެއީ، އެ ޕާޓީގެ މެނިފެސްޓޯގައާއި ކެންޑީޑޭޓު އިލްޔާސް ލަބީބް ވެސް ދައްކަވަމުން އައި ވާހަކަކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.

ރިޔާސީ އިންތިޚާބުގަައި ޑިމޮކްރެޓްސްއަށް ލިބުނު 15،800 އަށްވުރެ ގިނަ ވޯޓާ އެކު އެ ޕާޓީ އޮތީ ތިންވަނައިގައެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒަށާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހަށް ޑިމޮކްރެޓްސްއިން ނިންމާނެ ނިންމުން ވަރަށް މުހިންމުވާނެއެވެެ.