15 Sep 2023, 22:48
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެ ކަމަށް އޭނާ މިރޭ ވައުދުވެވަޑައިގެންފިއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ 'މަވެސް ޕީޕީއެމް' ޖަލްސާގައި މާދަމާ އަކީ ގައުމީ ދުވަސްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، ގައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނެ ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށެވެ. ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ރޯލެއް އަދާކުރާނެ ބަޔަކީ އަދި އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ ބަޔަކީ ފުލުހުންނާއި ސިފައިން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާ އެކު ޑރ. މުއިއްޒު ވަނީ މި ސަރުކާރުން ފުރަތަމަ 100 ދުވަހު އަޅައި ނިންމައިދޭނެ ކަމަށް ބުނި ފުލުހުންނާއި ސިފައިންގެ ފުލެޓުތައް ފަސް އަހަރު ނިމިގެންދާއިރު ވެސް ނިމިފައިނުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާގެ ސަރުކާރެއްގައި އެ ފުލެޓުތަކުގެ ކުލި އެއް އަހަރު ދުވަހު ދެއްކުމަކައިނުލާ ފަސްކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި، އޭގެ ފަހުން ކުލި ބަހާލައިގެން ދެއްކޭނެ ލުއި ގޮތެއް ހޯދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ދެން އަޅުގަނޑު މިހެން ބުނީމާ މާދަން ނޫން ކަންނޭނގެ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދޭނީ. އެހެން އެކަންވެއްޖެ ނަމަ ވަރަށް އުފާވާނެ. އަޅުގަނޑު ތިނަދުއަށް ގޮސް ސިޓީއަކަށް ހަދައިދޭނެ ވާހަކަ ބުނީމަ އަނެއް ދުވަހު އެތަން ވެސް ސިޓީއަކަށް ހަދައިދިން،" މުއިއްޒު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންނާ ދެމެދު ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފަ ކަމަށެވެ. އަދި، ބޭރުގެ އެހެނިހެން ސިފައިން ރާއްޖޭގައި ބައިތިއްބާ މި ގައުމުގެ މިނިވަންކަން ވަނީ ގެއްލުމުގެ މަގުމަތީގަ ކަމަށް މުއިއްޒު ވަނީ ތުހުމަތުކުރައްވައިފައެވެ.
"މިއަދު މިއޮތީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ވާހަކަ އޭރަށް ވުރެ ބޮޑަށް ދައްކަންޖެހިފައި. މިނިވަންކަން ޖަހައިގަންނަމުން އެ ދަނީ. މިނިވަންކަން ގެއްލުމުގެ މަގުމަތީގަ މިއޮތީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޭނާ ކާމިޔާބުކުރައްވާ ދިވެހީންގެ ގައުމު އަލުން ހޯދައިދެއްވާނެ ކަމަށެވެ.