ވެރިކަން ބަދަލުވިގޮތުގެ ތަހުގީގު ކުރިއަށްގެންދިޔުމާ ބެހޭގޮތުން ކޮމަންވެލްތާއެކީ ސަރުކާރުން މަޝްވަރާކުރަމުން ދާކަމަށް ރައީސުޖްލުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް މިހާރު ވެފައި އޮތީ ވެރިކަން ބަދަލުވުމުގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދުގައި ކަމަށާއި ތަހުގީގު ކުރިއަށްގެންދިއުމާ ބެހޭ ގޮތުން ކޮމަންވެލްތާއެކީ ސަރުކާރުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ކޮމަންވެލްތުގެ ވަފުދެއް ރާއްޖޭގައި މިވަގުތު އެބައުޅުއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު ބައިނަލް އަގުވާމީ ދުނިޔޭގައި އެންމެ ބޮޑު ކޮންސާނަކަށް އޮތީ ތަހުގީގު ކުރިއަށްދާ ގޮތެއް. ތަހުގީގު ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ކޮމަންވެލްތާ އެކީ އަޅުގަނޑުމެން މަޝްވަރާކުރަމުން މިދަނީ. ކޮމަންވެލްތުގެ ޑެލިގޭޝަނެއް މިވަގުތު ރާއްޖޭގައި އެބައުޅުއްވާ. އެހެންވީމަ އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަވަސް އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަށް އިންޑިއާ ސަރުކާރުގެ އެއްވެސް ޕްރެޝަރެއް އަތުވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިސަރުކާރު އެންމެ ފުރަތަމަ ގަބޫލުކުރި އެއް ސަރުކާރަކީ އިންޑިއާ ސަރުކާރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.