15 Sep 2023, 10:38
މި އަހަރު ރިލީޒްވާނެއިރަކަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމު "ސަލާރު"ގެ ސެޓެލައިޓް ރައިޓްސް ނުވަތަ ސެޓެލައިޓް މެދުވެރިކޮށް ދެއްކުމުގެ ހުއްދަ ބޮޑު އަގެއްގައި ވިއްކާލައިފިއެވެ.
ފިލްމު "ބާހޫބަލީ"އިން ބޮޑު ތަރުހީބެއް ހޯދި ތެލުގޫ އެކްޓަރު ޕްރަބާސް ލީޑް ރޯލްއިން ފެންނަ "ސަލާރު" ވިއްކާލާފައި ވަނީ މި ފިލްމު ރިލީޒްވާނެ ވަކި ތާރީޚެއް އަދި ކަށަވަރު ނުވަނީސްއެވެ.
ޕްރަޝާންތު ނީލް ޑައިރެކްޓުކުރާ މި އެކްޝަން ތުރިލަރ ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރާނެ ކަމަށް އަޑު އަރާފައި ވަނީ މި ހިނގާ ސެޕްޓެމްބަރ މަހު 28ގައެވެ. އެހެން ނަމަވެސް މި ފިލްމު ރިލީޒްކުރަން ތާވަލުކުރި ތާރީޚުގައި ހެއްވާ މަޖާ ފިލްމު "ފުކްރޭ3" ރިލީޒްކުރުމަށް ނިންމުމާއެކު ފިލްމު "ސަލާރު" ރިލީޒް ކުރުން ވަނީ މި އަހަރުގެ ނޮވެމްބަރ މަހަށް ފަސްކޮށްފައެވެ. ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ވަކި ތާރީޚެއް ރަސްމީކޮށް އިއުލާނު ނުކުރެއެވެ.
ކޮންމެއަކަސް ފިލްމު ރިލީޒްކުރާ ތާރީޚު ފަސްވެފައި ވަނިކޮށް ދެ ފަރާތަކުން މި ފިލްމުގެ ސެޓެލައިޓު ރައިޓްސް ބޮޑު އަގެއްގައި ގަތް ޚަބަރާއެކު ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން މި ވަނީ އިތުރުވެފައެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވާ ފަސް ބަހުރުވައިގެ ފިލްމުގެ ސެޓެލައިޓް ރައިޓްސް ގަނެފައިވަނީ ސްޓާ ޓީވީގެ އިތުރުން ނެޓްފްލިކްސްއިންނެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މި ދެ ފަރާތުން ވެސް ފިލްމު ގަނެފައިވާ ސީދާ އަގު ހާމަކޮށްފައިނުވާއިރު އެއީ ރެކޯޑް ޢަދަދެއް ކަމަށާއި ބެލެވޭގޮތުގައި ފިލްމު އުފެއްދި ފަރާތަށް 350ކްރޯޑް ރުޕީސްގެ ފައިދާއެއް ވަނީ ވެފައެވެ.
ރިޕޯޓުތަކުން ބުނާގޮތުން މި ޢަދަދާއެކު ފިލްމު "ސަލާރު"ވެފައިވަނީ ރެކޯޑުތަކެއް މުގުރާލި "ކޭޖީއެފް-ޗެޕްޓަރ2"އަށްފަހު ސެޓެލައިޓު ޑީލްއެއް ނިންމާލި ދެވަނަ ފިލްމަށެވެ. ފިލްމު "ކޭއެފްޖީ"އަކީވެސް "ސަލާރު"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ އުފެއްދުމެކެވެ. ޕްރަބާސްގެ އިތުރުން ފިލްމު "ސަލާރު"އިން ފެންނާނެ އިތުރު ތަރިންގެތެރޭ ބަތަލާ ޝްރުތީ ހާސަން، ޕްރިތުވީ ރާޖު އަދި ޖަގަޕަތީ ބާބޫ ހިމެނެއެވެ. މި ހުރިހާ ތަރިންނަކީވެސް ސައުތު ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ގުނާލެވޭ ފަރާތްތަކެވެ.