މި މަހުގެ ހަތް ވަނަ ދުވަހު ރިލީޒްވި ފިލްމު "ޖަވާން"ގައި އެކްޓަރު ޝާހްރުކް ޚާންއާއެކު ގިނަ އަންހެން ފިލްމީ ތަރިން ވަނީ ފެނިފައެވެ. އެހެންނަމަވެސް ފިލްމުގައި މާބޮޑު ރޯލްއެއް ނުކުޅެ ހަމައެކަނި ހާއްސަ ފެނިލުމަކުން ދައްކާލި ބަތަލާ ދިޕިކާ ޕަދުކޯންއާއެކު މި ފިލްމުން އެންމެ ބޮޑު ސަމާލުކަމެއް ހޯދީ އޭނާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކުވަނީ ނިންމާފައެވެ.

ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ފުރަތަމަ ހިންދީ އެކްޝަން ތުރިލާ ފިލްމުގައި ދިޕިކާ ކުޅެފައިވަނީ ޝާހްރުކް ޚާންގެ އަންހެނުންގެ ރޯލެވެ. މި ރޯލަކީ ވަރަށް ކުޑަ ރޯލަކަށްވީ ނަމަވެސް އޯޑިއަންސްގެ ގިނަ ބަޔަކު ފިލްމު ބަލާ ނިމުނުއިރުވެސް ދިޕިކާގެ މަތިން ހަނދާން ނައްތާނުލާ ކަމަށް ފިލްމަށް ލިބުނު ރިވިއުތަކުން ވަނީ ދޭހަވެފައެވެ.

އާއްމުގޮތެއްގައި ފިލްމުތަކުން ފެންނަ ކެމޯ ނުވަތަ ހާއްސަ ފެނިލުންތަކަކީ ބެލުންތެރިންގެ މާބޮޑު ސަމާލުކަން ހޯދާ ރޯލްތަކެއް ނޫނެވެ. އެހެންނަމަވެސް މި ފިލްމުގައި ޑައިރެކްޓަރު އެޓުލީއަށް ލިބިފައިވާ ޑައިރެކްޓް ކުރުމުގެ ކުޅަދާނަކަށް އޭނާ ބޭނުންކުރީ ވަރަށް ވިސްނުންތެރި ކަމާއެކުކަން ވަނީ ފާހަގަވެފައެވެ. އެގޮތުން ބަތަލާ ދިޕިކާގެ ރޯލް ވަނީ ފިލްމުގެ ނިމުމާ ހަމައަށް ގުޅުވާލާފައެވެ.

ސައުތު ސިނަމާގެ ގިނަ ތަރިންތަކެއް ފެނިފައިވާ "ޖަވާން"ގެ ލީޑް ބަތަލާގެގޮތުގައި ތެލުގޫ ބަތަލާ ނަޔަންތާރާ ފެންނައިރު ނަޔަންތާރާގެ ރޯލަށް ވެސް ދިޕިކާގެ ސަބަބުން ހިޔަނި އެޅުނު ކަމަށް ފިލްމު ބަލަން ދިޔަ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ދިޕިކާ ޕަދުކޯން ބޮލީވުޑަށް ތަޢާރަފްވި ފިލްމު "އޯމް ޝާންތީ އޯމް"އާއެކު ޝާހު އާއި ދިޕިކާ ވެފައިވަނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑަކަށެވެ. މި ފިލްމަށްފަހު ދިޕިކާ ވަނީ ޝާހުއާއެކު "ހެޕީ ނިއު ޔިއަރ"، "ޗެންނާއި އެކްސްޕްރެސް"އަދި މިއަހަރު ޖެނުއަރީ މަހު ރިލީޒްވި ފިލްމު "ޕަތާން"ފަދަ ފިލްމުތައް ކުޅެފައެވެ. މިއިން ކޮންމެ ފިލްމެއްވެސްވަނީ ބޮކްސް އޮފީހުގެ އެންމެ ކުރީ ލިސްޓުތަކުން ޖާގަ ހޯދާފައެވެ. ބޮޑު ބަޖެޓަކުން އުފެއްދި ފިލްމު "ޖަވާން" ހަފުތާއެއްވެފައިވާއިރު މި ފިލްމަށް ވަނީ މިހާތަނަށް 660.03 ކްރޯޑު ރުޕީސްގެ ވިޔަފާރިވެފައެވެ.