ހައިކޯޓުން ނެރުނު ވަގުތީ އަމުރާ އެކު ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ރައީސުޖްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވަމުން މިއަދު އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ފަދަ ބޮޑު ޕްރޮޖެކްޓެއް ކުއްލިއަކަށް ހުއްޓާލުމުން ލިބިދާނެ ގެއްލުންތަކެއް ވެސް ހުރެދާނެ ކަމަށާއި ނަމަވެސް ކޯޓުއަމުރާ އެކު އެޕްރޮޖެކްޓުގެ މަސައްކަތް ވަނީ ހުއްޓަވާލައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި މާލީގޮތުން ސަރުކާރު ޒިންމާވާން ޖެހޭ ކަންތައްތަކެއް ވެސް ހުރެދާނެ ކަމަށާއި އެމަނިކުފާނުގެ އިރުޝާދަކަށް ވެފައި އޮންނާނީ އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އާއި އިމިގްރޭޝަނާ ވާހަކަ ދައްކަވައިގެން ހުރި މައްސަލަތައް ހައްލުކުރެވޭތޯ ބެއްލެވުން ކަމަށެވެ.

"އަޅުގަނޑުގެ އިރުޝާދަކަށް ވެފައި އޮންނާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހުރި މައްސަލަތައް ހައްލުކުރެވޭތޯ ބެލުން. ކޯޓުގެ ފަރާތުން ނެރުނު އަމުރަކާ ގުޅިގެން އެކަން ހުއްޓިފައި އެ އޮތީ،" 500 މިލިއަން ރުފިޔާގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އޭސީސީ އިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ގަޒިއްޔާ ބަލައި ފައިސަލާކުރަނިވި ހުކުމެއް ކުރަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން، ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އިމިގްރޭޝަނުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ގާއިމްކުރަން ނިންމި 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި ފުރަތަމަ ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެ މަސައްކަތް ހުއްޓާލަން އޭސީސީ އަށް ނޭންގޭނެ ކަމަށެވެ. އަދި އޭސީސީން އެ މައްސަލަ ވަނީ ހައިކޯޓުގައި މި މަހު ކުރީ ކޮޅު އިސްތިއުނާފްކޮށްފަ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރާ، އޭސީސީން ހުށަހަޅާފައި ހުރި ސަބަބުތަކަށާއި، އެ ސަބަބުތަކާ ގުޅިގެން މައްސަލަ ރައްދުވާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައި ހުރި ލިއުންތަކަށް ބަލާއިރު، އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން، ބޯޑާ ކޮންޓްރޯލް ސިސްޓަމްގާއިމް ކުރުމަށް ދިވެހި ސަރުކާރާއި މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއާ ގުޅިގެން އިތުރު ކަންތައްތަކެއް ކުރުމަކީ އެ މައްސަލަ ނިންމާ ގޮތަކުން އިއާދަނުކުރެވޭ ފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އެއްބަސްވެފައިވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމުގެ މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭސީސީ އިން ބުނެ، އަލުން ބިޑުކޮށްގެން އެ މައްސައްކަތް ކުރިއަށްގެންދިއުމަށް އިމިގްރޭޝަނަށް އަންގާފައި ވަނިކޮށް އެ އެންގުމާ ޚިލާފަށް އިމިގްރޭޝަނުން އަމަލުކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.