ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީ ކަމަށް ބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުންދާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފުން މިވާހަކަ ދޮގުކޮށްފައިވާ އިރު ފަސްޓް ލެފްޓިނެންޓް ހަސަން ޒިހާން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ގާނޫނުގެ ދަށުން ހަދާފައިވާ 'ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދު' ގެ ދަށުން އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށް ޓަކައި، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަސްކަރީ އަދުލުގެ ނިޒާމެއް 2021 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ތައާރަފް ކޮށްފާވާނެ ކަމަށެވެ.

އެ ނިޒާމް ތައާރަފު ކުރެވުމާއެކު އަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށާއި، އެ ކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުސަތާއި ބޭނުންވާ ނަމަ ގާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާއު ވުމުގެ ފުރިހަމަ ފުރުސަތު ފަހިކޮށްދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބޭނެ ކަމަށެވެ.

އެ ނިޒާމުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލް ތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ލިބިދީފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ މީހަކާމެދު މިނޫންގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެ. އަދި މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމުގެ ޔަގީންކަން ދެން. މީގެ އިތުރުން އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދީފައިނުވާ ކަމުގައިވެސް ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ސިފައިންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަމަލުތައް ބަހައްޓާ، އަސްކަރީ ރިވެތި އަޚުލާގެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބަޔަކަށްވާއިރު، އެ ނޫން ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ހިތްވަރު ލިބޭ ފަދަ ދޮގު ޚަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.