މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސާޖަރީއަށްފަހު އެނބުރި ޓީމާ ހަވާލުވެއްޖެއެވެ.

ގާޑިއޯލާ ކުއްލި ސާޖަރީއެއް ހަދާފައިވަނީ ބުރަކަށީގައި ރިއްސާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިދިޔަ މަހުގެ ފަހުކޮޅެވެ. އޭނާގެ ސާޖަރީ ހަދާފައިވަނީ ސްޕެއިންގެ ބާސެލޯނާގައެވެ.

ގައުމީ ޓީމަށް ދޫކުރި ކުޅުންތެރިން އެނބުރި ގުޅުމުން ގާޑިއޯލާ ވަނީ ސިޓީގެ ތަމްރީނުތައް ކުރިއަށްގެންދަން ފަށައިފައެވެ. ދެ މެޗެއްގައި ބެންޗުން ނުފެނުމަށްފަހު، އެންމެ އަވަހަށް ސިޓީގެ ބެންޗުން ގާޑިއޯލާ ފެނިގެންދާނީ އަންނަ ހޮނިހިރު ދުވަހު ވެސްޓް ހާމްއާ ދެކޮޅަށް ސިޓީން ކުޅޭ އިނގިރޭސި ޕްރިމިއާ ލީގު މެޗުޔގައެވެ.

ގާޑިއޯލާގެ ބަދަލުގައި ސިޓީން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެޓީމަށް އިރުޝާދު ދީފައިވަނީ އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޖުއަންމޯ ލިލޯއެވެ. އެ ދެ މެޗުން ވެސް ސިޓީ ވަނީ މޮޅުވެފައެވެ. އޭގެ ތެރެއިން ޝެފީލްޑް ޔުނައިޓެޑް އަތުން 2-1ގެ ހަނި ނަތީޖާއަކުން ސިޓީ މޮޅުވި އިރު، ފުލަމް އަތުން ވަނީ 5-1ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ސިޓީން ހަތަރު މެޗު ކުޅެފައިވާ އިރު، އެ ހަތަރު މެޗުން ވެސް ސިޓީ ވަނީ މޮޅުވެފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މިވަގުތު އޮތީ ތާވަލު އެއްވަނައިގައި 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.