11 May 2012, 15:43
ލ. ފޮނަދޫ ބޭރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، ތިން މީހުން ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގައި އަލިފާން ރޯވެ ގޮވި ކަމަށާއި އެ ހާދިސާ ހިނގުމުން އެ ދޯނީގައި ތިބި ހަތަރު މީހުން ވެސް މޫދަށް ފުންމާލި ކަމަށެވެ.
އޭނާ ވިދާޅުވީ އަލިފާން ރޯވުމުން މޫދަށް ފުންމާލި މީހުން މިހާރު ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ. އަދި ވިދާޅުވީ އެމީހުންނަށް މިހާރު ގަމުގައި ހުންނަށް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ސަމަދު ވިދާޅުވީ އަލިފާން ރޯވި ދޯނީގައި ހަތަރު މީހުން ތިބިކަމުގައި ވިޔަސް ހޮސްޕިޓަލަށް ގެނައީ ތިން މީހުން ކަމަށެވެ. އެއީ ދިވެއްސަކާއި ބަނގުލަދޭޝްގެ ދެ މީހުން ކަމަށާއި ފިހުނު ދިވެހި މީހާގެ 25 ޕަސެންޓް ފިހިފައިވާ އިރު ބަނގުލަދޭޝް ދެ މީހުންގެ 35 ޕަސެންޓް ފިހިފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ދޯނީ އަލިފާން ރޯވި ވަގުތު މޫދަށް ފުންމާލި ހަތަރުވަނަ މީހާ ފޮނަދޫއަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ފުލުހުންނަށް ވެސް އޭނާ ނުފެނިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސަމަދު ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން ބުނީ އެއްވެސް މީހަކު ނުފެނިގެން ނޫޅޭ ކަމަށާއި އެ މީހާއަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވެފައި ވާތީ އޭނާ ރަށުތެރެއަށް ގޮސްފައިވާ ކަމަށެވެ. އެއީ ދިވެއްސެއް ކަމަށެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ފިހުނު މީހުންގެ ތެރޭގައި ބަންގުލަދޭޝްގެ ދެ މީހަކު ތިބި ކަމަށާއި އެމީހުންގެ ބުރަކަށި އެއްކޮށްހެން ފިހިފައިވާ ކަމަށެވެ. އޭނާ އަދި ބުނީ ދޯނީގައި އަލިފާން ރޯވީ ބަނދަރު މަތީގައި ބަލަހައްޓަގައި ހުއްޓާ ވަރަށް ބާރުގަދަ އަޑެއް ކިޔުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑުން އެސަރަހައްދަށް ދިޔައީ ތެޔޮ ބޯޓެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިގެން ކަމަށާއި ނަމަވެސް ރޯވެފައި ވަނީ އެބޯޓާ އެކު ހަރަކާތްތެރިވި ދޯނީގައި ކަމަށެވެ. އަދި އެ ހާދިސާގައި އަލިފާން ރޯވި ދޯނި ވަރަށް ބޮޑަށް އަނދާފައިވާ ކަމަށާއި އެދޯނި މިހާރު ލ. ގަމާ ދިމާއަށް އޮޔާ ބެހެމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވި ދޯންޏަކީ ލ. އަތޮޅުގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ އައިއާރު ސްޓޯރް ނަމަކަށް ކިޔާ ފިހާރައެއްގެ ދޯންޏެއް ކަމަށާއި އެއީ 25 ފޫޓް ދިގުމިނުގެ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މެންދުރު ފަހު 3:30 އެހާކަންހާއިރު ރޯވި އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ސިފައިނާއި ފުލުހުން ވަނީ ފަށާފަ އެވެ.