11 May 2012, 15:37
އިންޑިއާގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންގުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
މިއީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ. ރައީސް ވަހީދު ވިދާޅުވީ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި ރައީސްގެ އިތުރުން އެގައުމުގެ ބޮޑު ދެ ސިޔާސީ ޕާޓީގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"ރާއްޖެއާއި އިންޑިއާ އާ ދޭތެރޭ އަބަދުވެސް ގާތްގުޅުމެއް އޮންނަނީ. ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ. އިންޑިއާގެ ބޮޑުވަޒީރާއި ރައީސާއި، ބޮޑު ދެ ސިޔާސީ ޕާޓީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ ވާހަކަދައްކަން ހަމަޖެހިފައިވޭތޯ ދެންނެވުމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ދަނީ ހަމަޔަކަށް އެޅެމުން ކަމަށާއި އެހެންކަމުން އެވާހަކަތައް ދެއްކުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު މިދަނީ ހަމަޔަކަށް އެޅެމުން އެއީ އެހާ މުހިންމު ވާހަކައެއް ކަމަށް ހިޔެއް ނުވޭ ވާނެހެނެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.