19:00


ޓޫރިޒަމް ޕްރޮޑަކްޓަށް ބޭނުންވާ ކޮންވެންޝަން ސެންޓަރަކާއި ގޮލްފްކޯހެއް ފްލޯޓިން ފެސިލިޓީގެ ގޮތުގައި ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ރަޝީދެވެ. އަދި ނެދަލޭންޑް ފަރާތުން ސޮއިކުރެއްވީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑަޗް ޑޮކްލޭންޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރު ވެންޑިކޭމެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވެންޑިކޭމް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ފަތުރުވެރިކަމަށް އާ މާކެޓްތަކެއް ހުޅުވި އިގްތިސާދީ ގޮތުން އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި މި ޕްރޮޖެކްޓް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި ޕްރޮޖެކްޓާ ބެހޭ އިތުރު މައުލޫމާތު ދެއްވަމުން ޕްރައިވެޓައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި ސިވިއޭވިއޭޝަން މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވީ، މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިން ނުހިއްކައި ގެ އެޅުމުގެ ކުރިއަށް ގެންދަވާނެ ކަމަށެވެ.