14 Sep 2023, 08:46
މީގެ 23 އަހަރުކުރިން ރިލީޒްވި ބޮލީވުޑްގެ ލޯބީގެ ޑްރާމާ މިއުޒިކަލް ފިލްމު "ދަޅްކަން"ގެ ސީކުއަލްކަށް ތައްޔާރުވަމުން އަންނަކަމަށް މި ފިލްމުގެ ޕްރޮޑިއުސަރު ރަތަން ޖެއިން ބުނެފިއެވެ.
ހިންދީ ސިނަމާގެ ފިލްމުތަކަށް ހިތްގައިމު މިއުޒިކް ތައްޔާރުކޮށްދީފައިވާ ނަދީމް-ޝްރަވަންގެ މިއުޒިކް ހިމެނޭ ފިލްމު "ދަޅްކަން"އަކީ ބަތަލާ ޝިލްޕާ ޝެޓީއާއި އަކްޝޭ ކުމާރު އަދި ސުނިލް ޝެޓީ ލީޑް ރޯލް ކުޅުނު ތިނެސްކަން ލޯބީގެ ފިލްމެކެވެ.
މިހާރަކަށް އައިސް ކުރީގެ ފިލްމުތަކުގެ ސީކުއަލް ބޮލީވުޑްގައި އުފެއްދުން އާއްމުވެފަވާއިރު އާއްމުންގެ ވަރަށް ގިނަ ބަޔަކު ފިލްމު "ދަޅްކަން"ގެ ސީކުއަލްއެއް އަންނާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ދަރުމޭޝް ދާޝަން ވަނީ ބުނެފައެވެ.
ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދެމުން ދަރުމޭޝް ބުނީ މި ވަގުތަށް ހަމައެކަނި ބުނެވެން އޮތީ ފިލްމު "ދަޅްކަން"ގެ ދެވަނަ ބައެއް އުފެއްދުމަށް ޕްރޮޑިއުސަރު ހުށަހަޅާފައިވާ ކަމަށެވެ. މި ފިލްމުގެ ސީކުއަލްއަކާމެދު މަޝްވަރާކުރެވޭތާ އަހަރުތަކެއް ވޭތުވެފައިވާ ކަމަށާއި މީގެ ކުރިން އެކަން އެހާ ސީރިއަސްކޮށް ނުނެގީ މި ފިލްމަކީ ކްލެސިކްއަކަށްވީމާކަމަށް ދަރުމޭޝް ވަނީ ބުނެފައެވެ.
ފިލްމު "ދަޅްކަން"އަށް އަކްޝޭއާއި ސުނިލް ޝެޓީ ހޮވިއިރު އެ ދެ އެކްޓަރުންނަކީ ވެސް އޭރު އެންމެ މަގުބޫލު އެކްޝަން ތަރިންނަށްވެފައި ލޯބީގެ ފިލްމަކުން އެ ދެ ތަރިންނަށް އާއްމުންގެ ތަރުހީބު ލިބޭނެކަމުގެ ޔަގީންކަން ވެސް ނެތްކަމަށް ދަރުމޭޝް ވަނީ ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދެމުން ބުނެފައެވެ.
އެހެންނަމަވެސް އެންމެ 9 ކްރޯޑް ރުޕީސްއިން އުފެއްދި މި ފިލްމަށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބި ބޮކްސް އޮފީހުގައިވެސް ފިލްމު ވަރަށް ބޮޑަށް ހިނގިކަމަށް ޑައިރެކްޓަރު ދަރުމޭޝް ވަނީ ބުނެފައެވެ.
ފިލްމު "ދަޅްކަން"އަކީ އަކްޝޭއާއި ބަތަލާ ޝިލްޕާ ޝެޓީގެ ލޯބީގެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ދުވަސްވަރު ކުޅުނު ފިލްމެކެވެ. މި ފިލްމުގެ ސީކުއަލްއިން މި ތަރިންތައް ފެންނާނެތޯ ސުވާލުކުރުމުން ދަރުމޭޝް ބުނީ ފިލްމުގައި ހިމަނާނެ ކާސްޓުންނާމެދު އަދި ނުވިސްނާ ކަމަށެވެ. މި ވަގުތު ހުރިހާ ސަމާލުކަމެއް ވެސް ހުރީ ފިލްމުގެ ސީކުއަލްއަށް ގެންނާނެ ޕްލޮޓްއާ ބެހޭގޮތުން ކަމަށާއި ނަމަވެސް ވަރަށް ޝައުގުވެރި ކާސްޓިންގްއެއް އަތުރާލުމުގެ ދެ ތިން ޚިޔާލު ގެންގުޅޭ ކަމަށް ދަރުމޭޝް ވަނީ ބުނެފައެވެ.
ފިލްމު "ދަޅްކަން"ގެ ސީކުއަލްއެއް އުފައްދާ ޚަބަރަކީ ހަމަގައިމުވެސް ވަރަށް ގިނަ ބަޔަކަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެއެވެ.