އިންޑިއާގެ ކުރީގެ ކޮރިއޮގްރާފަރު އަދި މަޝްހޫރު ނެށުންތެރިޔާ ސަރޯޖް ޚާންގެ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން ފިލްމެއް އުފައްދަން ނިންމާފައިވާކަމަށް ޓީ-ސީރީސްގެ ޗެއާމަން ބޫޝަން ކުމާރު ކަށަވަރުކޮށްދީފިއެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ ލަވަތަކަކަށް ކޮރިއަގްރާފަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިން ސަރޯޖް ޚާންގެ މި ބައޮޕިކް ގެނެސްދޭނީ ތަޖުރިބާކާރު ޑައިރެކްޓަރު ހަންސަލް މެހެތާގެ އިރުޝާދާއެއްގޮތަކަށް ކަމަށް ބޫޝަން ކުމާރު ވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނީ މި ތާރީޚީ ބައޮޕިކްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ފިލްމުގެ މަސައްކަތް ރަސްމީގޮތުން ފަށާނީ އަންނަ އަހަރު ކަމަށެވެ. ސަރޯޖް ޚާންގެ ޙަޔާތުގެ ސޮފްޙާތަކަކީ ވަރަށް އަގުހުރި ފިލާވަޅުތަކެއް އެތައް މިލިއަން ބަޔަކަށް ލިބޭނެ ވާހަކަތަކެއް ކަމަށާއި ސަރޯޖް ޚާން ފަދަ ފަންނާނެއްގެ ވާހަކަ ލިޔުމަކީ ފަސޭހަކަމެއް ނޫންކަމަށް ބޫޝަން ކުމާރު ވަނީ ބުނެފައެވެ.

އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެވެސް ނެށުމަށް ލޯބިކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ މެދުގައި ސަރޯޖްއަކީ މަގުބޫލު ފަންނާނެކެވެ. ސަރޯޖް ޚާންއަކީ ބޮލީވުޑްގެ އެންމެ ތާރީޚީ އެވޯޑް ފިލްމު ފެއަރ އެވޯޑްގެ އެންމެ މަގުބޫލު ކޮރިއަގްރާފަރުގެ އެވޯޑް ފުރަތަމަ ފަހަރަށް ހޯދި ފަރާތެވެ. ސަރޯޖްއަށް އެވޯޑް ލިބުމުގެކުރިން އެއީ ފިލްމު ފެއަރ އެވޯޑްގައި ނުހިމަނާ އޮންނަ ކެޓަގަރީއެކެވެ. އޭގެ އަހަރުތަކެއްފަހުން ސަރޯޖް ޚާންއަށް ވަނީ ތިން ފަހަރުމަތިން ޤައުމީ އެވޯޑްވެސް ލިބިފައެވެ.

ހާޓް އެޓޭކެއް ޖެހި ސަރޯޖް ޚާން މިދުނިޔެއާ ވަކިވީ 2020ވަނަ އަހަރުއެވެ. ސަރޯޖް ޚާން ކޮރިއަގްރާފަރެއްގެގޮތުގައި މަސައްކަތްކޮށް ބެލުންތެރިންގެ މެދުގައި މަގުބޫލުވި ލަވަތަކުގެތެރޭގައި، ފިލްމު "މިސްޓަ އިންޑިއާ"ގެ 'ހަވައް ހަވާއީ'، ބަތަލާ މަދޫރީގެ ކެރިއަރު ބަދަލުކޮށްލި ލަވަ 'އެކް ދޯ ތީން" އަދި 'ޗޯލީކޭ ޕީޗޭ ކިޔާހޭ" ހިމެނެއެވެ. ސަރޯޖް ޚާންގެ ބައޮޕިކްގެ ގެނެސްދޭނެކަން ކަށަވަރުވެފައިވާއިރު މި ފިލްމުގައި ސަރޯޖްގެ ރޯލްއިން ފެންނާނީ ކޮން ބަތަލާއެއްކަން އަދި ނުނިންމައެވެ.