14 Sep 2023, 08:59
ދާދިފަހުން ޑިޒްނީ ހޮޓް ސްޓާއިން ސްޓްރީމްކުރަން ފެށި "ދަ ނައިޓް މެނޭޖަރ"ގެ ބަތަލާ ޝޮބީތާ ދުލިޕާލާ މިހާރު ބޭނުންވަނީ ހެއްވާ މަޖާ ފިލްމުތަކުގެ އިތުރުން އެކްޝަން އަދި ނެށުންތައް ހިމެނޭ ފިލްމުތައް ކުޅެންކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ ފެމިނާ މިސް އިންޑިއާގެ 2013ވަނަ އަހަރުގެ މުބާރާތުގެ މިސް އާތު 2013ގެ މަޤާމު ކާމިޔާބުކުރި ޝޮބީތާއަކީ އެމޭޒަން ޕްރައިމްގެ "މޭޑްއިން ހެވަން"ގައި ބަތަލާ ދެއްކި އެކްޓިންގް ހުނަރުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ފަރާތެކެވެ.
ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ އިތުރުން ޝޮބީތާއަކީ ބޮޑު ކާމިޔާބީއެއް ހޯދި މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން"ގެވެސް ވަރަށް މުހިއްމު ރޯލްއިން ފެނުނު ބަތަލާއެކެވެ. މިހާތަނަށް ސްޕައި ތުރިލާ ސީރީސްއެއްގައި ތަޖުރިބާހުރި ދެ އެކްޓަރުންނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށް ބުނަމުން ޓެލެގްރާފް އިންޑިއާއަށް ދިން އިންޓަވިއުގައި ބަތަލާ ބުނީ އެކްޓުކުރުމުގެ ހުނަރަކީ ކުރެހުންތެރިޔަކަށް ލިބިފައިވާފަދަ ހުނަރެއް ކަމަށެވެ. އަދި ފިލްމީ ތަރިއެއްނަމަ ލިބޭ ކޮންމެ ރޯލެއްވެސް ސިނަމާއަށް އަންނަ ފަރާތްތަކުގެ ސިކުނޑީގަ ކުރަހާލުމުގެ ހުނަރު ހުންނަން ވާނެ ކަމަށެވެ.
މިހާތަނަން ލޯބީގެ ރޯލްތައް ވެސް ކުޅެވިއްޖެ ކަމަށާއި ނަމަވެސް މިހާރު ބޭނުން ވަނީ ތަފާތު ރޯލުތަކަށް އިސްކަންދިނުމަށްކަމަށް ޝޮބީތާ ވަނީ ބުނެފައެވެ. އޭގެ ތެރެއިން ވެސް ހެއްވާ މަޖާ ރޯލްތައް ކުޅެން ވަރަށް ޝައުގުވެރިކަން އެބަހުރިކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޝޮބީތާ އެންމެ ފަހުން ފެނިފައި ވަނީ ޑިޒްނީ ހޮޓް ސްޓާގައި ސްޓްރީމްކުރަން ފެށި ސްޕައި ތުރިލަ "ދަ ނައިޓް މެނޭޖާ"އިންނެވެ. ބަތަލާ އިތުރަށް ސޮއިކޮށްފައިވާ ދެ ފިލްމެއް ވަރަށް އަވަހަށް އެނައުންސް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މަސައްކަތް އެއްކޮށް ނިމިފައިވާ އެމެރިކަން ފިލްމެއްވެސް ހިމެނެއެވެ. "މަންކީ މޭން"ގެ ނަމުގައި އުފައްދާ މި ފިލްމަކީ، ބޮޑު ކާމިޔާބީއެއް ހޯދި "ސްލަމް ޑޯގް މިލިއަނަރ"އިން މަޝްހޫރުކަން ހޯދި އެކްޓަރު ދޭވް ޕަޓޭލް ފިލްމު ޑައިރެކްޝަނަށް ތަޢާރަފްވާ ފިލްމުވެސްމެއެވެ.