"އިކުއެޓޯރިއަލް ގެދަރިން"ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ފުވައްމުލަކުގައި ބާއްވާ އެއްވުމުގައި ބައިވެރިވަޑައިގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންނެވުމުން އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް މަރުހަބާ ދެންނެވި އެވެ.

އެމްޑީޕީން ބުނީ "ކޮމަންވެލްތާ އެކު ދިވެހިން" މިނަމުގައި މިއަދު ހަވީރު މުޅި ރާއްޖޭގައި އެމްޑީޕީން ބާއްވާ މުޒާހަރާ ފުވައްމުލަކުގައި ވެސް އޮންނާނެ ކަމަށާއި އެ މުޒާހަރާގައި ރައީސް ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.
ފުވައްމުލަކުގައި ބާއްވާ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.

ފުވައްމުލަކުގައި އެމްޑީޕީން އެއްވުމެއް ބާއްވާ އިރު އެ ރަށު ކުރިން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް އެ ދާއިރާގެ އެމްޑީޕީ ގޮފިން ބުނީ ޝިފާގު އާ އެކު ދާއިރާގެ ރައްޔިތުން ނުދާ ކަން މިއަދު ބާއްވާ މުޒާހަރާ އިން ދައްކައި ދޭނެ ކަމަށެވެ.

ކޮމަންވެލްތާ އެކު ދިވެހިން ގެ ނަމުގައި އެމްޑީޕީން ކޮންމެ ހުކުރު ދުވަހަކު ބާއްވާ މުޒާހަރާ މިއަދު ވެސް އޮންނަ އިރު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ޑޮނަލްޑް މެކްކިނަން މިހާރު ވަޑައިގެން ހުންނެވީ ރާއްޖޭގަ އެވެ.