ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ނައިބުގެ ގޮތުގައި ހުންނެވި ނައުޝާދު ވަހީދު ހަސަން މަނިކު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ނައުޝާދު ވަޒީފާއިން ވަކި ކުރައްވައިފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފު ކުރައްވާ، އަދި އެމްބެސެޑަރު ޑރ. ފަރަހަނާޒް ފައިސަލްއަށް ފާޑުވިދާޅުވެ ޓްވީޓުކުރެއްވިތާ ދެތިން ދުވަހެއް ފަހުންނެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައުޝާދު ވަހީދަކީ ދިވެހި ދައުލަތަށާއި، ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ޚިދުމަތްތެރި އެކަކު ކަމަށެވެ. އޭނާ ވަޒީފާއިން ވަކި ކުރުމުން ސަރުކާރަށް ވަނީ އެމަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނައުޝާދު ވަކި ކުރައްވައި ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިނީ އޭނާ މަގާމުން ވަކި ކުރީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.