އދ. މަޖިލިސް (މޭ 11): ލީބިޔާގައި ސިއްރު ޖަލުތައް ހަދައިގެން ޝަރީއަތަކާނުލައި މީހުން ހައްޔަރުކޮށް އަނިޔާކޮށް އަދި ބައެއްޙާލަތްތަކުގައި މީހުން މަރަމުން ވެސް ގެންދާ ކަމަށް އދ. ން ބުނެފި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލީބިޔާ އަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު އިޔާން މާޓިން ވިދާޅުވީ ލީބިޔާގެ ޖަލުތަކުގައި ތިންހާސް މީހުން ޝަރީއަތަކާނުލާ ހައްޔަރުކޮށްފައިވާ ކަމަށް ލީބިޔާގެ ދާޚިލީ ވުޒާރާ އިން ބުނާކަމުގަ އެވެ. އަދި ގައްޒާފީގެ ވެރިކަމާދެކޮޅަށް ހަނގުރާމަކުރި ލީބިޔާގެ ހަނގުރާމަވެރިންގެ އަމިއްލައަށް ހިންގާ ސިއްރު ޖަލުތަކުގައި ވެސް އެތައް ހާސްބަޔަކު ހައްޔަރުކޮށްފައިވާކަން ލީބިޔާގެ ދާޚިލިއްޔާ އިން ހާމަކުރާ ކަމަށް ވެސް މާޓިން ވިދާޅުވި އެވެ.

ގައްޒާފީގެ ވެރިކަމާދެކޮޅަށް ހަނގުރާމަކުރި ލީބިޔާގެ ހަނގުރާމަވެރިންގެ އަމިއްލައަށް ހިންގާ ސިއްރު ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ގައްޒާފީ އަށް ތާއީދުކުރާ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިމީހުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުންގެންދާކަމުގެ މަޢްލޫމާތު ލިބެމުންދާ ކަމަށާއި އަނިޔާގެ ސަބަބުން އެޖަލުތަކުން ތިން މީހަކު ދާދިފަހުން މަރުވެފައިވާކަމަށް ވެސް މާޓިން ވިދާޅުވި އެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފާރާތްތަކުން ވަނީ ގައްޒާފީގެ ދުވަސްވަރު ލީބިޔާގެ ސަލާމަތީ ބާރުތަކުން ހިންގަމުންގެންދިޔަ ފަދަ އަނިޔާވެރި ޢަމަލުތައް ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި ހަރަކާތްތެރިވި ހަނގުރާމަވެރިން ވެސް ލީބިޔާ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ.

ލީބިޔާގައި ވަގުތީގޮތުން ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ދާދިފަހުން ވަނީ ގައްޒާފީ އަށް ތާއީދުކޮށް ބަހެއްބުނާމީހަކު ވެސް ދިގުމުއްދަތަކަށް ޖަލަށްލުމުގެ ޤާނޫނެއް ނެރެފަ އެވެ. މިއީ ގައްޒާފީގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާއަށް ދުލާއި ގަލަމުގެ މިނިވަންކަން ގެނަސް އިންސާނީ ހަޢްޤުތައް ހިމާޔަތްކުރާނެ ކަމަށް ބުނި ފަރާތްތަކުން ނެރެފައިވާ ޤާނޫނެއް ކަމަށްވާތީ މިކަމާ ހިތާމަކުރައްވާ ކަމަށް ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން މާޓިން ވިދާޅުވި އެވެ.

އަނެއްކޮޅުން ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރި ހަނގުރާމަވެރިންގެތެރޭގައި ހިމެނޭ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި މީހުންމެރުމުގެ ޢަމަލުތައް ހިންގި މީހުން ވެސް ހިމެނޭގޮތަށް އެއެންމެންނަށް މަޢާފް ދިނުމަށް ވެސް އިންތިޤާލީ މަޖިލީހުންވަނީ ނިންމާފަ އެވެ.

މިމައްސަލާގައި އދ. އާއި ހިޔުމަން ރައިޓްސް ވޮޗް އިން ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށާއި ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންނަށް ފާޑުކިޔާފައިވާ އިރު މިކަންކަމުގެ ސަބަބުން ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ އަގުވެއްޓެމުންދާ ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)