ދިމިޝްޤު (މޭ 11): ސޫރިޔާގައި އިއްޔެ ޖާނުން ފިދާވެގެން ދެ ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާތަކުގައި 60 މީހުން މަރުވެ، 372 މީހުން ޒަހަމުވެއްޖެ އެވެ.

ސޫރިޔާ ސަރުކާރުން ސިފަކުރާ ގޮތުގައި އެ ދެ ބޮމް ގޮއްވާލުމުގެ ފަހަތުގައި ވަނީ ސޫރިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކެވެ. ސޫރިޔާގެ ޚާރިިޖިއްޔާ އިން ނެރުނު ބަޔާނެއްގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތައް މިކަމުގެ އަޑީގައިތިބެދާނެ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެފަދަ ޓެރަރިސްޓް ޙަމަލާތައް ސޫރިޔާގައި ހިންގަނީ ޢިރާޤު ހަލާކުކޮށްލި ގޮތަށް ސޫރިޔާ ހަލާކުކޮށްލުމުގެ ރޭވުމުގެ ދަށުން ކަމަށާއި އެ ޖަރީމާތަކުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ހުޅަނގުން މަދަދުލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށް ސަރުކާރުގެ ރަސްމީ ނޫހެއްކަމަށްވާ "ތިޝްރީން" ބުނެ އެވެ.

އެ ދެބޮން ގޮއްވާލުމުގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި ހުޅަނގުގެ ބާރުތައް ސޫރިޔާ އަށް ޢަސްކަރީގޮތުން ވަދެގަތުމަށް މަގުފަހިކުރުން ކަމަށް ވެސް "ތިޝްރީން" ބުނެ އެވެ. ހުޅަނގުން މަދަދުލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން މިކަމުގެ ޒިންމާ އަޅުވަނީ ސޫރިޔާ ސަރުކާރުގެ ބޮލުގަ އެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އިއްޔެ ގޮއްވާލި ދެބޮން އުފެއްދުމަށް އެއްހާސް ކިލޯގްރާމްގެ ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް އެޤައުމުގެ ފުލުހުންގެ ތަޖްރިބާކާރުން ލަފާކުރެ އެވެ. ސޫރިޔާގެ ދާޚިލީ ވުޒާރާ ބުނި ގޮތުގައި މިދެބޮން ގޮއްވާލާފައި ވަނީ ސްކޫލްކުދިންނާއި ޔުނިވަސިޓީ ކުދިން ކިޔަވަން ދިޔުމަށް މަގުތަކުގައި ޙަރަކާތްތެރިވަމުންދިޔަ ވަގުތާއި މުވައްޒަފުުން އޮފީސްތަކަށް ދިޔަ ކާރުބާރު ބޮޑު ވަގުތުގަ އެވެ.

އެ ދެ ހަމަލާގައި މަރުވެފައި ވަނީ ޢާންމުންނާއި ސިފައިންގެ ބައެއްމީހުންނެވެ. ޢާންމުންގެ ތެރޭގައި ގިނައީ ކިޔަވާކުދިންނާއި ސަރުކާރު މުވައްޒަފުން ކަމަށް ސޫރިޔާގެ ދާޚިލީ ވުޒާރާގެ ރިޕޯޓްތައް ބުނެ އެވެ. މިދެބޮން ގޮއްވާލާފައި ވަނީ ދެ މީހަކު ޖާނުގޮއްވާލައިގެން ކަމަށް ވެސް ސޫރިޔާގެ ދާޚިލީ ވުޒާރާ އިން ބުނެ އެވެ. މިދެބޮމުގެ ތެރެއިން އެއްބޮން ގޮއްވާލާފައި ވަނީ ދިމިޝްޤުގައި ހުންނަ ޔުނިސެފްގެ އޮފީހުގެ ކައިރީގައިވާ ހިސާބެއްގަ އެވެ. އަނެއްބޮން ގޮއްވާލާފައި ވަނީ ސޫރިޔާގެ ސިފައިންގެ އަމްނާބެހޭ މަރުކަޒެއްގެ ކައިރީގަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ މި ދެ ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާތަކެއްކަމަށް ސިފަކޮށް މިކަން ކުށްވެރިކޮށްފަ އެވެ. އެމެރިކާގެ މަސްއޫލުވެރިން ވަނީ މިއީ އަލްޤާޢިދާއާ ގުޅުންހުރި ކަމެއްކަން ދޭހެވާ ފަދަގޮތަށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިކަމުގެ ފަހަތުގައި އަލްޤާއިދާވާކަން ނުވަތަ ނޫންކަން އެނގިވަޑައިނުގަންނަވާ ކަމަށް އެެމެރިކާގެ ދިފާޢީ ވަޒީރު ލޮޔޮން ޕެނެޓާ ވިދާޅުވި އެވެ.

ޗައިނާއާއި ރަޝިޔާއިން ވަނީ މިފަދަ ޙަމަލާތައް ދީގެން ސޫރިޔާ ހަލާކުކޮށްލުމުގެ ފުރްސަތު ނުދިނުމަށް ކުރެވެންއޮތްހާ މަސައްކަތެއްކުރާނެކަން ހާމަކޮށް ބޭރުގެ ބާރުތައް ސޫރިޔާއަށް ވަދެގަތުމުގެ ފުރްސަތު ވެސް ނުދޭނެކަމަށްބުނެފަ އެވެ. (ނޫސްއެޖެންސީތައް)