12 Sep 2023, 22:46
އާސެނަލާ ގުޅުނީ އެ ކްލަބުގެ ކޯޗު މިކެލް އާޓެޓާއާއެކު މަސައްކަތްކުރަން ބޭނުންވެފައި ހުރުމުން ކަމަށް އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް ބުނެފިއެވެ.
މިދިޔަ ސީޒަނަށްފަހު، ވެސްޓް ހާމް ދޫކޮށް، އާސެނަލާ ރައިސް ގުޅިފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ޗެލްސީން ވެސް އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.
އާސެނަލާ ގުޅެން ނިންމި ސަބަބާ ގުޅޭގޮތުން "ޗެނަލް ފޯ"ގައި ވެސްޓް ހާމް، ޗެލްސީ އަދި ލިވަޕޫލްގެ ލެޖެންޑް ޖޯ ކޯލް ވަނީ ރައިސްއާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެމުން ރައިސް ބުނީ، "އެއީ އާޓެޓާގެ ސަބަބުން" ކަމަށެވެ.
"އާޓެޓާއާ ބައްދަލުވި ހިސާބުން އަހަރެންނަށް އެނގުނު ދެން އަހަރެންގެ ކެރިއަރުގެ ބާކީބައި ހޭދަކުރަންވީ ކާކާއެކު ކަން. އަހަރެންގެ ހިތް ބުނަމުންދިޔައީ އަހަރެން ގުޅެންވީ އާސެނަލާއޭ،" ރައިސް ބުންޏެވެ.
އާސެނަލާއެކު މިހާތަނަށް ރައިސް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި ވެސް ރައިސް ވަނީ ގޯލެއް ޖަހައިފައެވެ.