12 Sep 2023, 23:57
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް، ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް އިން ފެށި މަޝްވަރާގައި މިހާތަނަށް އެއްވެސް ޝަރުތެއް ހުށަހަޅާފައި ނުވާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.
ޕީޕީއެމް، ޕީއެންސީއާ ޑިމޮކްރެޓްސް އިން ކުރި މަޝްވަރާތައް ޑިމޮކްރެޓްސްގެ ޝަތުރުތައް ގިނަވުމުން ހުއްޓުމަކަށް އައިސްފައިވާ ކަމުގެ އަޑުތަކެއް އަންނަނީ ފެތުރެމުންނެވެ.
އެކަމާ ގުޅުވައިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ޑިމޮކްރެޓްސް ގެ އިސް ބޭފުޅަކު ވިދާޅުވީ ރަސްމީ މަޝްވަރާތައް މިއަދު ފަށައިގެން ކުރިއަށް އެބަދާ ކަމަށާއި އެހެން ނަމަވެސް އަދި މިހާތަނަށް ޕާޓީގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
"ދެވަނަ ބުރުގައި މި ޕާޓީން ކުރިއަށް ދާނެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބާއްވާ ރަސްމީ މަޝްވަރާތައް ކުރުމަށް އުފެއްދި ހަ މެންބަރުންގެ ކޮމެޓީގެ މަސައްކަތައް މިއަދު މި ފެށުނީ. އަދި މިހާތަނަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވާނެ. މީޑިއާގައި ފަތުރަނީ ހުސް ދޮގު،" ޑިމޮކްރެޓްސްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ޕީޕީއެމް އިން ވެސް މިރޭ ބުނެފައިވަނީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއާއެކު ފެށި މަޝްވަރާތައް ނުހުއްޓޭ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ޑިމޮކްރެޓްސްއަށް ހުށަހަޅާފައެވެ.
ދެވަނަ ބުރުގައި ޕީޕީއެމާއެކު ކުރިއަށް ދިޔުމަށް މިހާތަނަށް ނިންމާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ އެމްއެންޕީ އެކަންޏެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހެވެ.