11 May 2012, 13:38
ފުލުހުން ހޯދާ މަސްތުވާތަކެއްޗަށް ވާ ގޮތާ މެދު ވަރަށް ގިނަ ފަހަރަށް މީހުން ސުވާލު އުފައްދަ އެވެ. ތުހުމަތައް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތަކުން ސަލާމަތް ވުމަށްޓަކައި ކުރިން ނޫސްވެރިންގެ ހާޒިރުގައި މަސްތުވާތަކެތި ނައްތާލުމުގެ ބޮޑު ހަރަކާތެއް ދޭތެރެ ދޭރެއިން ބާއްވާ އޭގެ ތަފުސީލު ދެއެވެ. އެގޮތަށް ދިޔަ ނަމަވެސް ފަހަކަށް އައިސް މަސްތުވާތަކެތި ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިނގާތަނެއް ނުފެނެ އެވެ.
ނައްތާ ނުލައި ހުރި މަސްތުވާތަކެތީގެ "ކޮޓަރި" އެންމެ ފަހުން ނޫސްވެރިންނަށް ދައްކާލި އިރު އެއީ މަސްތުވާތަކެތީގެ ބޮޑު ފުންޏެވެ. އޭގެ ތެރޭގައި ފަސް އަހަރުވެފައިވާ މަސްތުވާތަކެތި އެބަހުއްޓެވެ. މިހެން ހުންނަ މަސްތުވާތަކެތި ނައްތާ ނުލެވި އެހެން ހުންނަ ނަމަ އޭގެ ތެރެއިން ތަފާތު މައްސަލަތައް އައުމަކީ ވަރަށް ގާތް ކަމެކެވެ.
"ފަސް އަހަރު ދުވަހާއި ތިން އަހަރު ދުވަސްވީ މަސްތުވާތަކެތި އެބަހުރި ނައްތާނުލެވި. ގިނަ ދުވަސް ތަކެއް ވަންދެން މިގޮތަށް ބައިވަރު މަސްތުވާތަކެތި ބަހައްޓާފައި ހުންނަ ކަމަށްވަންޏާ ހުރިހާ ގޮތަކުން ވެސް މައްސަލަތައް ނުކުމެދާނެ،" ފުލުހުން އަތުލައިގެންފައި ހުރި މަސްތުވާތަކެތި ނައްތާނުލެވި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ނެޝެނަލް ޑްރަގް އެޖެންސީ ބޯޑުގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވި އެވެ.
ޑްރަގް ޑިޕާޓްމަންޓްގެ ވެރިޔާ އަހުމަދު އަޒްހާން ވިދާޅުވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ނައްތާނުލެވި ހުންނަ ނަމަ މައްސަލަތަކާ ގުޅިގެން އަތުލައިގަންނަ މަސްތުވާތަކެއްޗަށްވާ ގޮތްނެގޭ ކަމަށް ބުނެ ރައްޔިތުން ވަރަށް ގިނަ ސުވާލު އުފައްދަމުންދާނެ އެވެ. ފުލުހުންގެ ބޭނުމަކީ އެތަކެތި ވީހާވެސް އަވަހަށް ނައްތާލުން ކަމަށާއި އޭރުން ރައްޔިތުންނަށް އިތުބާރު ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
އަލަށް ހަދާފައިވާ މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ނައްތާލުމާ ބެހޭ ގަވާއިދެއް ހަ މަސް ދުވަހުގެތެރޭ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަދަން ޖެހޭނެވެ. އަދި ނައްތާލަން ޖެހޭ މަސްތުވާތަކެތީގެ މައްސަލަ އަށް އަވަސް ހައްލެއް އަންނާނީ ޕީޖީ ހައްދަވަން ޖެހޭ ގަވާއިދު ހަދާ ނިމުމުންނެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޕީޖީ ހައްދަވަން ޖެހޭ ގަވާއިދު މި މަސް ނިމެންވާއިރަށް އޭގެ ޑްރާފްޓް ނިންމާލެވޭނެ އެވެ. އަދި އަންނަމަހުގެ ތެރޭ މަސްތުވާތަކެތި ނައްތާލުމުގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ މަސްތުވާތަކެތި ނައްތާލުމާ ބެހޭ ގަވާއިދު މިމަހު ޑްރާފްޓް ކުރެވޭނެ ކަމަށް. އަދި މިއަންނަ މަސް ތެރޭ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ނައްތާނުލެވި ހުންނަނީ ކޯޓުން އެމައްސަލައަކާ ގުޅޭގޮތުން ސުވާލެއް އުފައްދަފާނެތީ ކޯޓުގެ މަރުހަލާތައް ނިމެންދެން އެ ތަކެތި ބަހައްޓަންޖެހޭތީ އެވެ.
މުހިންމު ވެފައިވާ ގަވާއިދު ހަދާނިމުމުން ކުރިއަށް އޮތްތަނުގައި މަސްތުވާތަކެތި ހުންނާނީ ސުޕްރީމް ކޯޓުގެ މަރުހަލާއިން ނިމޭ ހިސާބަށެވެ. ސުޕްރީމް ކޯޓުގެ މަރުހަލާ ނިމުމުން ނުވަތަ އެ ކޯޓާ ހިސާބަށް ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވުމާއެކު ނައްތާލެވޭނެ އެވެ. މަސްތުވާތަކެތި ނައްތާލުމުގެ ގާއިވާއިދު އައުމާއެކު ޕޮލިހުންގެ ބެލުމުގެ ދަށުގައި ހުންނާނީ ހަމައެކަނި މައްސަލަތަކާ ބެހޭ މަސްތުވާތަކެތި އެކަންޏެވެ.
ތަހުލީލު މަރުހަލާނިމި ތަހުގީގުތަކާ ޝަރީއަތުގައި ހުރި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ނައްތާނުލެވި ހުރި މަސްތުވާތަކެތީގެ ސީދާ ޖުމްލަ ސާފުނުވި ނަމަވެސް އެތަކެތީގެ މަގުމަތީއަގު މިލިއަނަކަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
އަޒްހާން ވިދާޅުވި ގޮތުގައި ފުލުހުންނާ ހިސާބަށް އަންނަ މަސްތުވާތަކެތި ނައްތާނުލެވި ހުރި ނަމަވެސް އެ އެއްޗެހި ރަނގަޅަށް އޮޑިޓެއް ކުރާނެ އެވެ. އަދި ނައްތާލާ މަރުހަލާ އާ ހިސާބަށް ދަންދެން ނިޒާމެއްދެ ތެރެއިން އެތަކެތި މޮނިޓަ ކުރާނެ އެވެ. އަދި ނައްތާލުމަށް ހަވާލުވާއިރު ވެސް ތަހުގީގު ރިޕޯޓަށް ބެލުމަށްފަހު އެއްވެސް އެއްޗެއް މަދުވޭތޯ ބަލައި މަދުވާނަމަ އެ އެއްޗެއްސާއި ހަވާލެއް ނުވާނެ އެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް "މެކުހަށް" ފުލުހުން ޖަހާފައި ހުރި ނަމަވެސް، އެތަކެތި ނައްތާލެވޭނެ ގަވާއިދެއްގެ ބޭނުން މިއަދު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ޖެހިފައި އެވެ.