ހުސްވެފައިވާ ޖަރުމަން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށް މިވަގުތު އޮސްޓްރިއާގެ ގައުމީ ޓީމަށް އިރުޝާދުދެމުންދާ ރާލްފް ރަންގްނިކް ބުނެފިއެވެ.

ޔޫރޯ 2024 ފެށެން ނުވަ މަހަށް ވެފައިވާ އިރު، ނަތީޖާތައް ދަށްވުމާ ގުޅިގެން ޖަރުމަން ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ހަންސީ ފްލިކް ވަނީ މަގާމުން ވަކިކޮށްފައެވެ. ފްލިކް އިރުޝާދު ދިން 25 މެޗުގެ ތެރެއިން ޖަރުމަން މޮޅުވީ އެންމެ 12 މެޗުންނެވެ. ފްލިކްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް ޖަރުމަން ވަނީ ގްރޫޕު ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައެވެ.

ފްލިކްގެ ބަދަލުގައި ޖަރުމަންގެ ކޯޗަކަށް ރަންގްނިކް ހަމަޖެއްސުމަށް ޖަރުމަން ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިވަގުތު އަމާޒު ހުރީ އޮސްޓްރިއާގެ ވަޒީފާއަށް ކަމަށްބުނެ، ރަންގްނިކް ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.

"ޖަރުމަންގެ ގައުމީ ކޯޗަކަށް ދާކަށް ނޫޅެން. އަހަރެން މީގެ 14 މަސް ކުރިން ނިންމައިފިން އޮސްޓްރިއާގެ ކޯޗުކަމާ ހަވާލުވެ، މި ޓީމު ޔޫރޯއަށް ކޮލިފައިކޮށްދޭން. އެހެން އެއްވެސް ކަމަކާ މެދު މިވަގުތު ވިސްނާކަށް ބޭނުމެއް ނޫން،" މީގެ ކުރިން ވަގުތީގޮތުން މެންޗެސްޓާ ޔުނައިޓެޑަށް އިރުޝާދުދިން ރަންގްނިކް ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗުކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ގެންދިއުމަށް ވެސް ޖަރުމަން ފެޑެރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ލިވަޕޫލު ދޫކޮށް، ޖަރުމަން ޓީމުގެ ކޯޗުކަމާ ކްލޮޕް ގުޅިދާނެ ކަމަކަށް ނުބެލެވެއެވެ.

މީގެ ކުރިން ބަޔާން މިއުނިކަށް އިރުޝާދު ދިން ފްލިކް، ޖަރުމަން ޓީމާ ހަވާލުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޔޯކިމް ލޯ, އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.