ކޭޕާކު ފްލެޓުތައް ވިއްކުމުގައި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ހަސަން މަމްދޫހު (މަންޑޭ)ގެ މައްސަލަ އަވަސްކޮށްދީ، ދައުވާ ކޮށްދިނުމަށް އެ މަސައްކަތާ ހަވާލުވި ހަންބޯ ކުންފުނިން ގޮވާލައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި އަަހަރު ނިމުމުގެ ކުރިން، ފްލެޓުތައް ނިންމާ، ހައްގުވެރިންނާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު، މަންޑޭގެ މައްޗަށް 100އަށް ވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އޮތް އިރު، އޭނާގެ މައްސަލަ އަވަސްކޮށްދީ، ދައުވާ ކުރުމަށް އިދާރާތަކަށް ގޮވާލާފައިވެއެވެ.

ހަންބޯ ކުންފުނިންވަނީ މަންޑޭ މިހާރު ކުންފުނީގެ ބޯޑުގައި ނުހިމެނޭތީ، އެ ކުންފުނީގެ ކަމެއްގައި އޭނާއާ މުއާމަލާތު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ 2016ވަނަ އަހަރުން ފެށިގެން ހަދަމުން ދިޔަ އިމާރާތުގެ މަސައްކަތް އަދިވެސް ނުނިމި ވަނީ މަޑުޖެހިފައެވެ.

އެ އިމާރާތްކުރި ހަންބޯ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަކަރާއި، ހީލަތުގެ މައްސަލައެއް ޖެހި، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ.

މަންޑޭގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކުމާއި، ކާރު ފަަދަ މުދާ އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި ނެގުން އަދި ނުއަގުގައި އެޕާޓްމެންޓު ވިއްކުންފަދަ ކަަންކަން އޭނާގެ ފަރާތުން ހިނގާފައިވާކަމަށް އެ ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރެއެވެ.

އެ މައްސަލައިގައި މަންޑޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރަނީ އަބުރު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށެވެ.