ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ކޯލިޝަން މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް އިދިިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެެވެ.

މިއަދު ހަވީރު ޕީޕީއެމް، ޕީއެންސީ އާއި އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްއިން ހުށަހަޅާ ޝަރުތުތަކާ ގުޅިގެން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަން މަޝްވަރާތައް ޑިމޮކްރެޓްސްއާއެކު ނުހުއްޓޭކަމަށާއި އެ މަޝްވަރާތައް ދަނީ ކުރިއަށް ކަަމަށެވެ.

"ދެންމެ ވެސް އެ ވަޑައިގަތީ މި ތަނުގައި ތިއްބަވައިފައި މަޝްވަރާގައި. ޝަރުތުތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ހިޔެއް ނުވޭ އަދި ދައްކަން ޖެހޭނެހެންނެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝަރުތުތަކުގެ ވާހަކަ ދައްކަން ޖެހޭނީ ކޯލިޝަނަކާ ހަމައަށް އާދެވުމުން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ދެ ފަރާތުން ހުށަހަޅާނެ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ހުށަހެޅުންތަކާމެދު އިތުރަށް ޖެހޭނީ ވާހަކަ ދައްކަން ކަމަށެވެ.

"އަދި އެއްބަސްވުމަކަށް ނާދެވޭ. އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އެއްބަސްވުމަކަށް އާދެވޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއާއެކު ވެސް މަޝްވަރާތައް ކުރަމުންދާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ގަރާރެއް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު/ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު --- ސަންފޮޓޯ/ މުހައްމަދު މާވީ

މިއަދު ޑިމޮކްރެޓްސްއިން ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީއާ ގުޅުމަކީ "އޮތް ގޮތެއް ނޫން" ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަތް އިންސައްތަ ވޯޓު ލިބުނު، ޑިމޮކްރެޓްސް ދިޔައީ ތިންވަނަ އަށެވެ. އެންމެ ގިނަ ވޯޓާ އެކު 46 އިންސައްތަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.