11 May 2012, 13:21
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނި، އައިލެންޑް އޭވިއޭޝަން އިން އޮޕަރޭޓްކުރާ 16 ސީޓުގެ ޑޯނިއާ މަތިންދާ ބޯޓް ވިއްކާލުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު ވިދާޅުވީ ޑޯނިއާ މަތިންދާ ބޯޓް ވިއްކާލުމަށް ނިންމީ މިހާރުގެ މާކެޓްގައި އެ މަރުކާގެ ބޯޓް ގެންގުޅޭލެއް މަދު ކަމުންނާއި ބޯޓު އޮޕަރޭޓް ކުރަން ކުރަންޖެހޭ ހަރަދު ބޮޑުކަމުން ކަމަށެވެ.
"މިހާރު ފަސިންޒަރުން ހަގީގަތުގައި ބޭނުމެއްނުވޭ އެ ބޯޓުގައި ދަތުރު ކުރާކަށް. އަދި އެބޯޓުގެ ހަރަދު މާ ބޮޑު. އެހެންކަމުން އަޅުގަނޑުމެން ނިންމީ ބޯޓް ވިއްކާލަން،" ހާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޯނިއާ ގެ ރާއްޖޭގައި މިހާރު މި ގެންގުޅޭ ވައްތަރުގެ ބޯޓު ފަހަރުގެ ސްޕެއާ ލިބުން ވަރަށް އަށް އުނދަގޫ ވެފއަިވާ ކަމަށާއި އަދި ލިބޭ ސްޕެއާ ވެސް އިންތިހާ އަށް އަގު ބޮޑު ވެފައިވާ ކަމަށެވެ.
"މިބޯޓް ވިއްކާލި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ދަތުރުތަކަކަށް ބުރުލެއް ނާރާނެ، ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ އިތުރު ކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ހާރިޝް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހު އާ ބޯޓެއް ގެނެސް ހިދުމަތް ދިނުމަށް ފަށައިފަ އެވެ. މިހާރު ވެސް އައިލެންޑް އޭވިއޭޝަނުގައި ހިދުމަތް ދިނުމަށް ހަ ބޯޓް ބޭނުންކުރެ އެވެ.