ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ރީ-ރެޖިސްޓާ ވުމަށް އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުން އެ މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓްރީވުމަށް އިލްތިމާސްކުރައްވާފައެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ހަބީބު ވިދާޅުވީ އެ ކޮމިޝަނުގެވެބްސައިޓްމެދުވެރިކޮށް އޮންލައިންކޮށް ވެސް ރީ ރަޖިސްޓާ ކުރެވޭނެ ކަަމަށެވެ.

ދެވަނަ ބުރަކަށް ގޮސްފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ލިބިފައި ނުވާތީއެވެ.

ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ވޯޓުލީ މީހުންގެ 46 އިންސައްތަ ވޯޓާ އެކު އެންމެ ބޮޑު ތާއީދެއް ހޯދާފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް ގޮސްފައިވަނީ 39 އިންސައްތަ ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގުލިބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރޭގައި 27،000 ޒުވާނުންނަށް އަލަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގައި އޭގެ ތެރެއިން 46,000އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މިއީ ރިޔާސީ އިންތިޚާބެއްގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް އެންމެ މަދު ބަޔަކު ވޯޓުލީ އިންތިޚާބެވެ.