ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް 44 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދި މާދަމާ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ރިޔާސީ އިންތިޚާބަށް ފާސްކުރި 90 މިލިއަން ރުފިޔާގެ ބަޖެޓުން ދެވަނަ ބުރުގެ ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ.

"މި ކޮމިޝަނުން ދެވަނަ ބުރެއް ބާއްވަން ޖެހުމާ ގުޅިގެން ބަޖެޓެއް މިހާރު މި އޮތީ ތައްޔާރުކޮށްފަ. އެއީ ދެވަނަ ބުރުގެ ބަޖެޓު. އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވެނީ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވެން އޮތީ އެ ބަޖެޓް ލިބިގެން ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރަތަމަ ބުރުގައި އިންތިޚާބާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާތަކާ ބޭރުގެ އޮބްޒާވަރުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތަކަށް ރިއާޔަތްކޮށް، އިންތިޚާބުގެ ދެވަނަ ބުރުގައި އަޅާނެ ބައެއް ފިޔަވަޅުތައް ހާމަކޮށްފައެވެ.

އެގޮތުން ފުރަތަމަ ބުރުގައި ވޯޓުލުން ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދިޔަ ނަމަވެސް ދެވަނަ ބުރަށް ވަނީ އެ މުއްދަތު ހަވީރު 17:00 އާ ހަމައަށް އިތުރުކޮށްފައެވެ.

ފުރަތަމަ ބުރުގައި ވޯޓުލިއިރު ގިނަ ބައެއްގެ ޝަކުވާއަކަށްވީ ވޯޓު ބޫތުތައް ބެހެއްޓިފަ ހުރި ގޮތުން ފާހަގަ ޖަހާ މަންޒަރު އެހެން މީހުންނަށް ފެނުމެވެ. އެކަމާ ގުޅިގެން ހަބީބު ވިދާޅުވީ ބޫތުގެ ޑިޒައިނަށް އިތުރު ބަދަލެއް ގެނެސްދޭނެ ކަމަށެވެ. މީގެ އިތުރުން ވޯޓު ލާ މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އަމަލުކުރާނެ ގޮތުގެ އިތުރު ތަމްރީނުތައް ދޭނެ ކަމަށާއި ވޯޓު ލުމަށް ވީލް ޗެއާގައި އަންނަ މީހުންނަށް ފަސޭހަވާނެ ފަދަ އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފުރަތަމަ ބުރުގެ ވޯޓުލުމުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ވޯޓު ލުމުގެ ވަގުތު ހަމަވީއިރު ވެސް ކިޔޫގައި ގިނަ މީހުން ތިބުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ކިޔޫ ދިގު ނުވާނެ ގޮތަށް ވޯޓު ކަރުދާސް ދޫ ކުރާނެ ދެ މޭޒެއް ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.