ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ދިން ގަޑިއަށް ވުރެ އިތުރު ގަޑިއިރެއް ދެވަނަ ބުރުގައި ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 8:00އިން 17:00އަށް ކުރިއަށް ދާނެ ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ދީފައި ވަނީ 16:00އާ ހަމައަށެވެ.

"އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނިޓުގެ ހުސް ވަގުތުކޮޅަކަށް ފަހު. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ 2023 އޮކްޓޯބަރު އަށެއްވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން،" ފުއާދު ވިދާޅުވިއެވެ.

ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓުލެވޭ ވަގުތު އިތުރު ކުރަން ނިންމީ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ އަދަދު ކުރީ އިންތިޚާބުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވުމުން، މިފަހަރު އިތުރު މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ރީރެޖިސްޓްރޭޝަނަށް ފުރުސަތު ދޭން މީގެ ކުރިން ނިންމާފައި އޮތީ ދެ ދުވަހަށް ނަމަވެސް މިހާރު އެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޝަނުން ނިންމާފައި އެބައޮތް ރީރެޖިސްޓާ ކުރުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން. ކުރިން އަޅުގަނޑުމެން ތާވަލުކޮށްގެން އައީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ރީރެޖިސްޓްރީގެ ކަންކަން ކުރުމަށް ފުރުސަތު ދިނުމަށް އެހެންނަމަވެސް މިއަދު ކޮމިޝަނުން ނިންމީ އިތުރު ދުވަހަކާ އެކީގައި ތިން ދުވަސް ދިނުމަށް،" ހަބީބް ވިދާޅުވިއެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 2،25،486 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 2،82،395 މީހުންގެ ތެރެއިން 79.8 ޕަސެންޓް މީހުންނެވެ.

އެހެންވެ، އެއީ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުލި އިންތިޚާބެވެ.

މީގެ ކުރިން ބާއްވާ އިންތިޚާބުތަކުގައި ވޯޓުލެވޭ ގަޑި އިތުރު ކުރުމަކީ އީސީން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ހަތަރެއް ޖެހުމާއެކު ކިޔޫ ބަންދު ކުރަން ފެށުމުން ބައެއް ވޯޓު މަރުކަޒުތަކުގައި މީހުން ނުރުހުން ފާޅުކޮށް، ހަމަނުޖެހުން ހިނގާފައިވެއެވެ.

މިއަދުގެ ޕްރެސްގައި ހަބީބު ވަނީ ދެވަނަ ބުރުގައި ވެސް އީސީން ކަނޑައަޅާފައިވާ ގަޑިއަށް ވުރެ އިތުރަށް، ވޯޓުލާން ކިޔުއަށް އަރަން އިތުރަށް ގަޑި ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ފުއާދު ވަނީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ވެސް އިއުލާން ކުރައްވާފައެވެ.

މި އިންތިޚާބުގައި 1،01،635 ވޯޓާއެކު، ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކުރިހޯއްދެވި އިރު ދެން ދެވަނަ ބުރަށް ވަޑައިގެންނެވީ 86،161 ވޯޓު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން މައި ދެ ޕާޓީން މިހާރު ދަނީ ބާކީ ކެންޑިޑޭޓުންނާއެކު ކޯލިޝަން މަޝްވަރާ ކުރަމުންނެވެ.