ގޮހޮރުގެ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ރިހައިގައި އެކުލެވޭތޯ ބެލުމަށް ތަހުލީލުތަކެއް އިނގިރޭސި ވިލާތުގެ ލެއިސެސްޓަރގައި ކުރާން ފަށައިފި ކަމަށް ބީބީސީން ހާމަކޮށްފިއެވެ.

ރިހައިގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން މާއްދާއެއް ކެންސަރާ ދެކޮޅަށް ހަރަކާތްތެރިވާ ކަމަށް ގަބޫލުކުރެވޭ ފަދަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަމަށް ލެއިސެސްޓަރގެ ސައިންސްވެރީން ވަނީ ބުނެފައެވެ. ސައިންސްވެރީން ބުނާ ގޮތުގައި ރީނދުލުގައި ހިމެނޭ ކަރކަމިން ކިޔާ މާއްދާއަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މާއްދާއެކެވެ.

ރީނދުލުގައި ހިމެނޭ މި މާއްދާއަކީ މިހާތަނަށް ކުރެވިފައިވާ ތަހުލީލުތަކުން ފެންނަ ގޮތުގައި ކެންސަރާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ މާއްދާއެކެވެ. ހަމަ އެހެންމެ ރީނދުލަކީ ސްޓްރޯކް ޖެހުމާއި ޑިމެންޝިޔާ ފަދަ ބަލިތަކުން ދިފާއުވުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެއްކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ލެއިސެސްޓަރގެ ހޮސްޕިޓަލްތަކުގައި ވަނީ ކެންސަރު ޖެހިފައި ތިބި މީހުންނަށް ފަރުވާ ކުރުމުގައި ކީމޯ ތެރަޕީއާ އެކު ކަރކަމިން ދޭން ފަށައިފައެވެ.

ކޮންމެ އަހަރަކު ވެސް އިނގިރޭސި ވިލާތުގައި 40000 މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.