ބްރަސަލްސް (12 ސެޕްޓެމްބަރު 2023): އިންޑިއާގެ ނަން "ބާރަތު"އަށް ބަދަލުކުރުމަށް ބޮޑުވަޒީރު ނަރަންދުރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސިޔާސީ ޑްރާމާއެއްކަމަށް ސިފަކުރައްވައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ މޯދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ބާރަތަކީ ސާންސްކްރިތް ބަހުން ވަރަށް ކުރީ ޒަމާނުގައި އިންޑިއާއަށް ކިޔައި އުޅުނު ނަމެވެ. ނަމަވެސް މީލާދީގޮތުން 19 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިން އިންޑިއާ އަޅުވެރިކޮށް އިސްތިއުމާރުކުރި ދުވަސްވަރުން ފެށިގެން އިންޑިއާއަށް ކިޔަމުން އަންނަ ނަމަކީ އިންޑިއާއެވެ.

މި ހަފުތާގައި ނިއުދިއްލީގައި ބޭއްވި ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖަމާއަތްކަމަށްވާ ޖީ20ގެ އިސްވެރިންގެ ސަމިޓްގެ ރިޔާސަތު ބެލެއްހެޓެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ޖީ20ގެ ރިޔާސަތުގައި މޯދީ އިންނެވިއިރު އޭނާގެ މޭޒުކޮޅުމަތީގައި ބަހައްޓާފައި ހުރި ބޯޑުގައި ޖަހާފައިވަނީ އިންޑިއާގެ ބަދަލުގައި "ބާރަތު" އެވެ. މާނައަކީ މޯދީއަކީ "ބާރަތު" ތަމްސީލު ކުރައްވާ ވެރިޔާ ކަމެވެ. އިންޑިއާގެ ނަމުގެ ބަދަލުގައި މިސަމިޓްގައި ބޭނުންކުރީ "ބާރަތު" އެވެ.

މޯދީ މިގޮތަށް އަމަލު ކުރެއްވި ކުރެއްވުމަށް ރައްދު ދެއްވަމުން އިންޑިއާގެ އިދިކޮޅު ލީޑަރު އަދި އެގައުމުގައި ދިގުމުއްދަތަކަށް ވެރިކަންކުރި ކޮންގްރެސް ޕާޓީގެ ޒައީމު ރާހުލް ގާންދީ ވިދާޅުވީ މޯދީގެ ބޭނުމަކީ އޭނާގެ ވެރިކަމުގައި އިންޑިއާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކާއި އިގްތިސާދީ ގޮތުން އިންޑިއާ ވެއްޓިފައިވާ ވަޅުގަނޑުގެމަތިން ދުނިޔެއާއި އިންޑިއާގެ އާންމުންގެ ފޯކަސް ގެއްލުވާލައި އެހެންކަމަކަށް ފޯކަސް އަނބުރާލުން ކަމަށެވެ.

ރާހުލް ވިދާޅުވިގޮތުގައި މޯދީ މި ކުޅުއްވީ ހަގީގަތް އޮޅުވާލުމަށް ޚާއްސަ ސިޔާސީ ޑްރާމާއެކެވެ. ޔޫރަޕަށް ކުރައްވާ ދަތުރުފުޅެއްގައި ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ރާހުލް ގާންދީ ވަނީ މޯދީގެ ވެރިކަމުގައި އިންޑިއާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކަށް ލޯމަރާލުމުގެ ބަދަލުގައި އެކަންކަން ކުށްވެރި ކުރުމަށާއި އިންސާނީ ހައްގުތަކާބެހޭ މައްސަލަތަކުގައި ދެފުށްދެގޮތް ނުވުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ރާހުލް ވިދާޅުވިގޮތުގައި މޯދީ އަކީ އަބަދުވެސް އޭނާގެ ސަރުކާރާގުޅޭ މައްސަލަތައް އޮއްބާލުމަށްޓަކައި މިފަދަ ޑްރާމާތައް ކުޅުއްވާ ބޭފުޅެކެވެ. މި ފަހަރު "ބާރަތު"ގެ ނަމުގައި މޯދީ ކުޅުއްވި ޑްރާމާގެ ފަހަތުގައިވަނީ ދާދިފަހުން ފެންމަތިވެގެންދިޔަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގައުޓަމް އަދާނީގެ ޚިޔާނާތާއި ޓެކްސްއަށް މަކަރު ހެދުމާއި މަނީލޯންޑްރިންގެ މައްސަލަތައް އޮއްބާލުން ކަމަށް ރާހުލް ތުހުމަތު ކުރެއްވިއެވެ.

އަދާނީގެ ކުންފުނިކަމަށްވާ އަދާނީ ގްރޫޕަކީ އިންޑިއާގައި ވަރަށް ބާރާއި ނުފޫޒު ގަދަ ކުންފުންޏެކެވެ. މިކުންފުނިން އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓްތަކާއި، ކަނޑުގެ ބަނދަރުތަކާއި ރޭލްވޭ ތަކާއި އެނޫންވެސް ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގައެވެ. އަދާނީ އަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ މުއްސަނދި މީހާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އަދާނީއާމެދު ބެލެވެނީ އޭނާއަކީ މޯދީގެ ސަރުކާރަށް ވަރަށް ސަޕޯޓުކުރައްވާ ބޭފުޅެއް ކަމުގައެވެ. މޯދީގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވާ އަދި މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.