ދެން އަލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ގުޅެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާ އާ ޕާޓީއެއް އުފައްދަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ދެ ރައީސުން އަލުން އެއްގަލަކަށް އެރުމަށް ގޮވާލައްވައިފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަދައްކަވަމުން ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއަށް ލިބިވަޑައިގެންނެވި ވޯޓަކީ ވެސް އެމްޑީޕީއާ އެއް ފިކުރެއްގެ ރައްޔިތުންގެ ވޯޓު ކަމަށް ވިދާޅުވެފައެވެ.

އެ ކަމަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ، އަލުން ޑިމޮކްރެޓުން އެމްޑީޕީއާ ގުޅިއްޖެ ނަމަ އެއްބުރުން ރައީސް ޞާލިޙު ހޮއްވެވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ އެ ހިސާބުން ދާނީ ބާރަށް ކުރިއަށް،" ޖާބިރު ވިދާޅުވިއެވެ.

އެގޮތުން ދެ ފިކުރު އެއްކޮށް ގުޅުމުގެ މަޝްވަރާތައް ކުރުމަށް ޖާބިރު ވަނީ އެމްޑީޕީގެ ލީޑަޝިޕަށާއި ޑިމޮކްރެޓުންނަށް ގޮވައިލާފައެވެ. އެކަމަކު، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، ދެން އަލުން ރައީސާ ގުޅެވެން ނެތް ކަމަށެވެ.

"ދެނެއް އެކަން އެގޮތަށް ވާކަށް ނެތް" ޖާބިރަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަންނަނީ އެމްޑީޕީއާ އެކު ކޯލިޝަނަކަށް ނުދާނެ ކަމުގެ އިޝާރާތްތައް ދެއްވަމުންނެވެ.

މިއަދުގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ، ދެވަނަ ބުރުގައި ވެސް ޑިމޮކްރެޓުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް ޑިމޮކްރެޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޑިމޮކްރެޓުން، ދެވަނަ ބުރެއްގައި ހަދާނެ ގޮތެއް މިހާތަނަށް ނިންމާފައިނުވާއިރު މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު އެ ޕާޓީގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.