ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު މިއަދު ވިދާޅުވީ، ވަރަށް ގިނަ ބަދަލު "ކުއްލިކުއްލިއަށް" ވަރަށް އަވަސް އަވަހަށް އަންނަ ކަމަށާއި، ދެން އަންނަ ބަދަލެއް އަންނަ ވަރަކުން ގެނައުމަށް އިސްކަންދިނުމަށް ފެންނަ ކަމަށެވެ. އެހެންނަނަމަވެސް މިހާރު އޮތް ހާލަތުން ކޮމިޓީތައް އެކުލަވައިލުމަށް އިސްކަން ދިނުން މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވެސް އެންމެ އެކަށިގެންވާ ކަމެއްކަން އަޅުގަނޑަށް ފާހަގަވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ

މިހާތަނަށް ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިބީ ތިން މެންބަރުންނެވެ. އެހެންނަމަވެސް އެހެން މެންބަރުންވެސް މިހާތަނަށް އައިއިރު ޕާޓީ ބަދަލުކުރުމަށް ވަނީ ސިޓީ ހުށަހަޅުއްވައިފައެވެ. އެކަމަކު، އެ ބަދަލު މިހާތަނަށް ގެނެވިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވަނީ--- ފައިލް ފޮޓޯ/ މަޖިލިސް

"ޑިމޮކްރެޓުން އެ ބޭފުޅުންގެ ޕާލިމަންޓްރީ ގްރޫޕެއް އެކުލަވައިލާ ޕާލިމަންޓްރީ ލީޑަރެއް ހަމަޖެހި މި މަޖިލީހަށް އެ މައުލޫމާތު ލިބޭއިރު އަދި ދުވަސްތަކެއް ހިނގައިދާނެ. އެހެންނަމަވެސް މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދިޔުން މުހިންމުކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.

މި ދައުރުގެ ޖަލްސާތައް އެންމެ ފުރަތަމަ ފެށުނު އިރުވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ އައީ އެޖެންޑާ ކުރަމުންނެވެ. އެހެންނަމަވެސް މި މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ޖަލްސާގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެންދެވުނެވެ. އެ ކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ތިން މެންބަރެއްގެ ނަން އިއްވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖަލްސާ ނިންމާލައްވައިފައެވެ.

އެއަށް ފަހު އިންތިޚާބާ ގުޅިގެން މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މި ދައުރުގެ ކުރީގެ ޖަލްސާތައް ވަނީ ނުބޭއްވިފައެވެ. އެހެންވެ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ވަނީ އެކުލަވައި ނުލެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައެވެ.