12 Sep 2023, 09:08
މި އަހަރުގެ ޖޫން މަހު މަސައްކަތް ފެށި ބަތަލާ ޖާންވީ ކަޕޫރުގެ ފިލްމު "އުލަޖު"ގެ ޝޫޓިންގް ނިންމާލައިފިއެވެ.
ޖަންގްލީ ޕިކްޗާސްއިން އުފައްދާ މި ފިލްމުގެ ބޮޑު ބައެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓްކޮށް ނިންމާލާފައިވާއިރު ޖާންވީއަށް ވަރަށް ގިނަ ފިލާވަޅުތަކެއް މި ފިލްމުގެ ޝޫޓިންގްގެ އެކި މަރުހަލާތަކުގައި ލިބުނުކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޖާންވީ ކަޕޫރުގެ އިތުރުން ގުލްޝަން ދޭވިއަ އަދި ރޯޝަން މެތިވް މުހިއްމު ރޯލް ކުޅޭ މި ފިލްމުގެ މަސައްކަތުގެ ތެރެއިން އަމިއްލަ ނަފުސަށް ލޯބި ދިނުމުގެ މުހިއްމުކަމާ ތިމާ މީހާ ލޯބިވާ ނުވަތަ ގަޔާވާކަމެއް ކުރުމުގައި ދެމިހުރުމުގެ މުހިއްމުކަން ވަރަށް ރަގަޅަށް ދަސްވިކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.
ޖާންވީގެ ކެރިއަރުގެ ކޮންމެ ފިލްމަކީވެސް ބަތަލާއަށް މުޅީން އާ ކަންތައްތަކެއް ދަސްވުމަށް ހުޅުވައިދޭ އިތުރު ދޮރެއްކަމަށް ވަނީ ސިފަކޮށްފައެވެ. ފިލްމު "އުލަޖު"އިން ދަސްވި މުހިއްމު ކަންތައްތަކުގެތެރޭ މާޒީގައި ވެނިމިފައިވާ ކަންކަން ހަނދާންކޮށް އެކަމުގެ އަނދިރި ހިޔަނި ކުރިމަގަށް ނޭޅޭނެގޮތަކަށް ބައެއްކަންކަން ނިންމުމުގެ މުހިއްމުކަން ވެސް ދަސްވިކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ފިލްމުގައި ޖާންވީ ކުޅެފައިވާ ރޯލާބެހޭގޮތުން ބަތަލާ ބުނީ މިހާތަނަށް ދިރިއުޅުމުގައި ލޯ ނުހުޅުވިހުރި ވަރަށް ގިނަ ކަންކަމަށް ފިލްމުގައި ކުޅޭ ސުހާނާގެ ރޯލްއިން އޭނާގެ ލޯ ހުޅުވުނު ކަމަށެވެ. އަދި މި ފިލްމުގެ ޓީމުގައި ހިމެނޭ ކޮންމެ މެމްބަރަކީވެސް ވަރަށް ހާއްސަ ފަރާތެއް ކަމަށާއި އެއިން ކޮންމެ މެމްބަރެއްގެ ފަރާތުންވެސް މި ދަތުރުގައި ކޮންމެވެސް އެއް ފިލާވަޅެއް ލިބިގަނެވިފައިވާކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ފިލްމު "އުލަޖު"ގައި ޖާންވީ ފެންނާނީ ޒުވާން އިންޑިއަން ފޮރިންގް އޮފިސަރެއްގެ ރޯލްއިންނެވެ. ފިލްމީ ދާއިރާގައި ވަރަށް އުޖާލާ ކުރިމަގެއް އޮތް 26 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ ޖުލައި މަހު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި ފިލްމު "ބަވާލް"އިންނެވެ. ޖާންވީ ތިން ފިލްމަކަށް ސޮއިކޮށްފައިވާއިރު މި ތިން ފިލްމުވެސް ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުތެރޭއެވެ.