12 Sep 2023, 09:11
މީގެ ދެ އަހަރުކުރިން ރިލީޒްވި ތެލުގޫ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބަޔަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު މި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑް "ޕުޝްޕާ"އިން ހޯދި ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ވެސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ.
ސައުތު ސިނަމާގެ އިތުރުން ހިންދީ ފިލްމުތަކަށް ލޯބިކުރާ ގިނަބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމު އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް 2024ވަނަ އަހަރު ރިލީޒްކުރާއިރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަޖޭ ދޭވްގަންގެ ފިލްމު "ސިންގްހަމް އަގެއިން"ވެސް ރިލީޒްކުރުމަށް ނިންމާފައިވަނީ ހަމަ މި ދުވަހުއެވެ.
ރޯހިތު ޝެޓީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބު ފްރެންޗައިސްގެ މި ފިލްމު ވެސް ހަމަ މި ދުވަހު ރިލީޒްކުރުމަށް ނިންމާފައިއޮތުމުން އަޖޭއާއި އައްލޫ އަރުޖުން ވަރުގަދަ ކުރިމަތިލުމަކަށް މި ދުވަހު ދާނެއެވެ. ފިލްމު "ޕުޝްޕާ"ގެ ފުރަތަމަ ބައިގައި ގެނެސްދެވުނު ވާހަކައާއެކު މިފަހަރުގެ ސީކުއަލް މާބޮޑަށް ޝައުގުވެރިވާނެކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ. މި ސީކުއަލްގެ ވަރަށް ފޯރިގަދަ ޓީޒާއެއްވެސް ތަންކޮޅެއް ކުރިން ވަނީ ރިލީޒްކޮށްފައެވެ.
ހަމައެއާއެކު ރޯހިތު ޝެޓީގެ ފިލްމު ފްރެންޗައިސް "ސިންގްހަމް"ގެ މިފަހަރު ފިލްމަކީވެސް ވަރަށް ފޯރިގަދަ އެހާމެ ވަރުގަދަ ތަޅާފޮޅުންތަކެއް ގެނެސްދޭނެ އެކްޝަން ކޮމެޑީއެކެވެ. އަޖޭ ދޭވްގަންއާއެކު ބަތަލާ ދިޕިކާ ޕަދުކޯން ފިލްމުން ފެންނައިރު ދިޕިކާ ފިލްމުގައި ކުޅޭނީ އަޖޭގެ ކޮއްކޮގެ ރޯލެވެ. މި ދެ ފިލްމަކީވެސް ވަރަށް ވާދަވެރި ދެ ފިލްމަކަށްވުމުން ދެ ފިލްމުންކުރެ އިސްކަންދޭނެ ފިލްމެއް ހޮވުމަކީ ބެލުންތެރިންނަށް ދަތިކަމަކަށް ވާނެއެވެ. ބެލުންތެރިންގެ އުއްމީދަކީ ކޮންމެވެސް އެއް ފިލްމެއް ރިލީޒްކުރާނެ ތާރީޚު ބަދަލުވެ ހުރިހާ ފަރާތްތަކަށް ވެސް ދެ ފިލްމު ބެލުމުގެ ފުރުސަތު ހަމަހަމަޔަށް ލިބުމެވެ.