ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމުން ބޮލީވުޑަށް ނުކުންނަ ރާޖްވީރު ޑިއޯލް ފިލްމީ ދާއިރާއަށް ނުކުތުމަކީ އާއިލާއިން އެއްގޮތަކަށްވެސް ރުހޭކަމެއް ނޫން ކަމަށް ބުނެފިއެވެ.

ހާއްސަކޮށް ރާޖްވީރުގެ ބައްޕަ ސަނީ ޑިއޯލްއާއި ބޮޑު ބޭބެ ބޮބީ ޑިއޯލްގެ ފިލްމީ ކެރިއަރަށް ކުރިމަތިވި ނާކާމިޔާބީއާއެކު ރާޖްވީރު އެކަން ތަޖުރިބާކުރަން މައިންބަފައިން ބޭނުންނުވާކަމަށް ރާޖްވީރު ވަނީ ބުނެފައެވެ.

ބޮބީ ޑިއޯލްއާ ޚިލާފަށް ސަނީ ޑިއޯލްއަކީ ކާމިޔާބު ފިލްމުތަކެއް ކެރިއަރުގައި ކުޅުނު ނަމަވެސް ފަހުން ފިލްމީ ދާއިރާގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެކްޓަރެކެވެ. ރާޖްވީރު ފިލްމީ ދާއިރާއަކަށް ތަޢާރަފްވާ ފިލްމު "ދޯނޯ"އަކީ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ސޫރަޖު ބަރުޖަތުޔާގެ ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ފިލްމެކެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސޫރަޖުގެ ދަރިފުޅު އާވްނީޝް ބަރްޖަތުޔާއެވެ. ފިލްމުގެ ޓްރެއިލާ މި މަހުގެ ކުރީކޮޅު ރިލީޒްކޮށްފައިވާއިރު ރާޖުވީރު ބުނެފައިވަނީ ބައްޕަ ސަނީއާއި މަންމަ ޕޫޖާ ޑިއޯލް އަބަދުވެސް ބޭނުންވީ މަތީ ތަޢުލީމަށްފަހު މުޅިން އެހެން ދާއިރާއަކުން ރާޖްވީރު ކުރިޔަށް ދިއުމަށެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމީ ދާއިރާއަކީ ކެރިއަރު ކާމިޔާބުވުމާމެދު އެއްވެސް ޔަގީންކަމެއް އޮންނަ ދާއިރާއަކަށް ނުވެފަ ފިލްމެއް ނާކާމިޔާބުވުމާއެކު އާއްމުންގެ ފަރާތުން އަންނަ ނުރުހުމުގެ ބަސްތައް ދަރިފުޅަށް އަމާޒުވުމަށް ރާޖްވީރުގެ މައިންބަފައިން ނޭދޭތީކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ރާޖުވީރު އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް އެކްޓިންގްއަށް ހިތް ދެވިއްޖެކަމަށާ އެހެން ދާއިރާއެއްގައި މަސައްކަތްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް މިޒުވާނާ ވަނީ ބުނެފައެވެ.

ހިންދީ ސިނަމާގެ ލެޖެންޑު ދަރުމެންދްރަ (ދަރޭ)ގެ ކާފަ ދަރިފުޅަށް އާއިލާގެ ފަރާތުން އެކްޓިންގްއާ ގުޅޭގޮތުން ވަރަށް ގިނަ ނަސޭހަތްތައް ލިބިފައިވާ ކަމަށާއި އެއީ މި ދާއިރާއިން ކުރިޔަށްދާން ލިބޭ ވަރަށްބޮޑު ހިތްވަރެއްކަމަށް ރާޖުވީރު ވަނީ ބުނެފައެވެ. އަދި ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ފިލްމީ ތަރިއަކަށްވުމުގެ ކުރިން ފިލްމު އެކްޓަރަކަށްވުމަށް އާއިލާއިން ނަސޭހަތް ދިންކަމަށް 29 އަހަރުގެ ޒުވާނާ ވަނީ ބުނެފައެވެ. ރާޖްވީރުއާއެކު ފިލްމު "ދޯނޯ"ގެ ލީޑްރޯލްއިން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމްގެ ދަރިފުޅު ޕަލޯމާ ދިލޮންއެވެ.