އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން އެކުލަވާލަންޖެހޭ ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓް ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެ ދެ ކޮމިޝަނުން ބުނެފި އެވެ.


ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހްމީ ހަސަން މިއަދު ވިދާޅުވީ އެކޮމިޝަންގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުން ކަމުގައިވާއިރު ރޭ ރައީސް އޮފީހުން ނެރެފައިވާ ގަރާރާ ގުޅިގެން އެކޮމިޝަންގެ ފަސް މެންބަރުން މިއަދު ހެނދުނު އޮފީހަށް ނިކުމެވަޑައިނުގަތުމަށް ނިންމެވީ ރައީސް ނަޝީދުގެ އެ ނިންމެވުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ކޮމިޝަންގެ މެންބަރުންގެ އެ ނިންމުން ބަދަލުކުރައްވާ އޮފީހަށް ނިކުމެވަޑައިގަތީ ޤާނޫނީ ގޮތުން އެކަންތައް އޮތް ގޮތެއް ބެއްލެވުމަށްފަހު ކޮމިޝަންގެ ރައީސްގެ މަޝްވަރާގެ މަތިން ކަމަށް ވެސް ފަހްމީ ވިދާޅުވި އެވެ.


ހިއުމަން ރައިޓް ކޮމިޝަންގެ ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ނިންމެވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކޮމިޝަނަށް ލާޒިމްކުރާ ކަމެއް ކުރެއްވުމަށް ކަމަށާއި އަދި އޮފީހަށް ނުނިކުމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާތީ އެކޮމިޝަންގެ މެންބަރުން ރޭ ރައީސް ނެރުއްވާފައިވާ އެ ގަރާރާމެދު ވިސްނާފައި ވެސް ނުވާ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.


ރައީސް އޮފީހުން ރޭ ނެރެފައިވާ ގަރާރެއްގައި ބުނެފައިވާ ގޮތުގައި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ޤާނޫނު އަސާސީގައިވާ ގޮތަށް މަގާމުތަކަށް މީހުން ޢައްޔަންކޮށް ނިންމައި، އަދި، އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، އެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް އުފައްދައި ނިންމަންވާނެ ކަމަށް ބުނެފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރައްވާފައިވާ މެންބަރުން ޢައްޔަން ކުރައްވާފައިވާ ކުރެއްވުން، އިއްޔެ ނިމުމަކަށް އައިސްފައިވާ ކަމަށެވެ.