12 Sep 2023, 08:59
އެމެރިކާގެ މަޝްހޫރު އެކްޓަރު ކްރިސް އެވަންސް ފުރަތަމަ ކައިވެންޏެއް ކޮށްފިއެވެ.
އުމުރުން 41 އަހަރުގެ ކްރިސް އެވަންސް އަކީ ހޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. މާވެލްގެ "ކެޕްޓަން އެމެރިކާ"ގެ ރޯލުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެވްންސް މީގެ ކުރީން ހޮލީވުޑްގެ ބޭރުންނާއި އެތެރެއިން އެކި މީހުންނާ ގުޅިފައިވާ ކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ.
ނަމަވެސް މިހާތަނަށް ކައިވެނިކޮށްފައިނުވާ އެވަންސް އެންމެ ފަހުން މީހަކާ ގުޅިގެން އުޅޭކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެވަންސް މިދިޔަ އަހަރު އިއުލާނުކޮށްފައިވަނީ ޒުވާން އެކްޓަރު އެލްބާ ބެޕްޓިސްޓާ އާ ލޯބީގެ ގޮތުން އުޅޭ ކަމެވެ.
ދާދި ފަހުން އާންމުވެފައިވާ ގޮތުގައި ދެމީހުން ވަނީ ކައިވެނި ކޮށްފައެވެ. ސިއްރު ސިއްރުން ދެމީހުން ކައިވެނި ކޮށްފައިވަނީ ދެމީހުން އާއިލާއާއި އެކުވެރިންގެ ބައިވެރިވުމާ އެކުގައެވެ. ހޮނިހިރު ދުވަހު ދެމީހުން ކައިވެނިކޮށްފައިވަނީ މެސަޗޫސެޓްސްގައި ދެމީހުން ދިރިއުޅޭ ސަރަހައްދުގައެވެ.
ކައިވެނީގެ ހަފުލާގައި މާވެލްގެ ބައެއް ކޯ ސްޓާރުން ކަމަށްވާ ރޮބާޓް ޑައުނީ ޖޫނިއާ އާއި ޖެރެމީ ރެނާ ފަދަ އެކްޓަރުން ބައިވެރިވި ކަމުގެ މައުލޫމާތު ލިބެއެވެ.
އުމުރުން 26 އަހަރުގެ އެލްބާ އަކީ ނެޓްފްލިކްސް މެދުވެރިކޮށް މަގުބޫލުކަން ހޯދަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ "ވޯރިއާ ނަން"ގެ ލީޑް ރޯލެވެ. ދެމީހުން އެކީގައި އުޅޭ ކަމުގެ ވާހަކަތައް ފުރަތަމަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. ދެމީހުންގެ ގުޅުމުގެ ވާހަކަ އެވަންސް ކަށަވަރު ކޮށްދިން އިރު ދެމީހުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ މިދިޔަ އަހަރު ކިޔައިދިނެވެ.