ޖަރުމަން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ހާންސީ ފްލިކް ވަކިކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ގައުމުގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު، އެންމެ ފަހުން އަމިއްލަ ގައުމުގައި ކުޅުނު ހަ މެޗުގެ ތެރެއިން ޖަރުމަން މޮޅުވީ އެންމެ މެޗަކުންނެވެ. އޭގެ ތެރެއިން ޖަރުމަން ވަނީ ހަތަރު މެޗަކުން ބަލިވެފައެވެ.

ޖަރުމަން ފުޓުބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ފްލިކް، ކޯޗުކަމުގެ މަގާމުން ވަކިކޮށްފައިވާކަން އިއުލާންކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި ވަގުތީގޮތުން ޖަރުމަންގެ ކޯޗުކަމާ ހަވާލުވާނީ ރުޑި ވޮލާއެވެ.

ޖަރުމަން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ބާންޑް ނުއުއެންޑޯފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދަށް ނަތީޖާތަކާ ގުޅިގެން ފްލިކް މަގާމުން ދުރުކުރަން ކޮމިޓީން ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ޔޫރޯއަށް ހިތްވަރު އާކުރަން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"މިއީ އަހަރެންނަށް ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ އެއް ނިންމުން. ފްލިކާއި އޭނާގެ އެސިސްޓަންޓުން ކުރި މަސައްކަތް ފާހަގަކުރަން. ނަމަވެސް ފެޑެރޭޝަންގެ އެންމެ މުހިންމު ކަމަކީ ކުޅިވަރަށް ކުރިއެރުން ހޯދުން. އެހެންކަމުން މިއީ ނިންމަން ޖެހޭ ނިންމުމެއް،" ނުއުއެންޑޯފް ވިދާޅުވިއެވެ.

މީގެ ކުރިން ބަޔާން މިއުނިކަށް އިރުޝާދު ދިން ފްލިކް، ޖަރުމަން ޓީމާ ހަވާލުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޔޯކިމް ލޯ, އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ފްލިކް އިރުޝާދު ދިން 25 މެޗުގެ ތެރެއިން ޖަރުމަން މޮޅުވީ އެންމެ 12 މެޗުންނެވެ. ފްލިކްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް ޖަރުމަން ވަނީ ގްރޫޕު ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައެވެ.